ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިއްޔެ ވެސް ރެކޯޑް އަދަދަކަށް ދަށަށް ހިނގައްޖެއެވެ. އިއްޔެ އަކީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ޖެހިޖެހިގެން ދަށަށް ދިޔަ ތިން ވަނަ ދުވަހެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 410102 މީހުންނެވެ. އިއްޔެ އަކީ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ހުކުރު ދުވަހު މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވީ 522661 މީހުންނެވެ. ހޮނިހިރު ދުވަހު މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވީ 451124 މީހުންނެވެ.

ފާއިތުވި ތިން ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ދަށަށް ދިއުމުން ފާއިތުވި ހަތް ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އެވްރެޖް ވެސް ވަނީ 559994 އަށް ދަށަށް ގޮސްފައެވެ. މިއީ ހަތް ދުވަހުގެ އެވްރެޖް ފައްސި ނޮވެމްބަރ މަސް ފެށުނުއިރު ހުރި އަދަދެވެ.

ފާއިތުވި ތިން ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހައި ބޮޑަށް ދަށަށް ދިޔަ ސަބަބަކީ އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ފައްސިވި މީހުންގެ އަދަދު ދަށަށް ދިއުމެވެ. އިއްޔެ އެމެރިކާ އިން ފައްސިވީ 127000 މީހުންނެވެ. އިއްޔެ އަކީ ނޮވެމްބަރ މަހުގެ 08 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު ހާލަތު އެންމެ ގޯސްވަމުންދާ އިނގިރޭސިވިލާތުން އިއްޔެ ފައްސިވެފައި ވަނީ 30,501 މީހުންނެވެ. އިއްޔެ އަކީ ފާއިތުވި 08 ދުވަސް ތެރޭގައި އިނގިރޭސިވިލާތުން އެންމެ މަދުއަދަދެއްގެ މީހުން ފައްސިވި ދުވަހެވެ. އިޓަލީވިލާތުން އިއްޔެ 8,913 މީހަކު ވަނީ ފައްސިވެފައެވެ. އިއްޔެ އަކީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން އިޓަލީވިލާތުން ފައްސިވި ދުވަހެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް އަދި މިއީ ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާނެއް ނޫންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާ އާއި އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި މިހާރު ކޮވިޑް-19 ވެކްސިން ޖަހަމުން ގެންދިޔަ ނަމަވެސް ނަތީޖާއެއް ފެންނާނީ އެންމެ އަވަސް ވެގެން ވެސް އަންނަ މަހު އެވެ.

އަދި ކޮވިޑް-19 ހާލަތު އަރައިގަންނެ އެންމެ އަވަހަށް ވެސް ކުރީގެ އާއްމު ހާލަތައް ރުޖޫއަވާން ހައެއްކަ މަސް ދުވަސް ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު