އިނގިރޭސިވިލާތުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ދެންމެ އިނގިރޭސިވިލާތުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުން މިއަދު ވަނީ 41385 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މީގެ ކުރިން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އެދުވަހު 39200 މީހުން ފައްސިވިއެވެ. މިއަދު ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެއަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ ފައްސިވީ 30000 މީހުންނެވެ.

މިއަދު ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން ވަނީ 357 މީހުން މަރުވެފައެވެ. ނަމަވެސް މީގެތެރޭގައި ސްކޮޓްލޭންޑް ސަރަހައްދުން މަރުވި މީހުންނެއް ނުހިމެނެއެވެ. މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ސްކޮޓްލޭންޑް ސަރަހައްދުން މަރުވާ މީހުންގެ އަދަދު ހާމައެއް ނުކުރެއެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތު އިނގްލޭންޑްގެ މެޑިކަލް ޑިރެކްޓަރ ޑރ.ޑޯލީ މިރޭ އިނގިރޭސިވިލާތުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތަކަށް ވަރަށް ބާރުބޮޑުވަމުންދާ ކަމަށާއި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލްތައް ފުރުމުގެ ފުރުސަތު އޮތުން ކަމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ވައިރަސްއަށް ބަދަލުތައް އައިސް އާދެވައްތަރެއްގެ ވައިރަސްއެއް އަންނަނީ ފެތުރެމުންނެވެ. މިހާރު ފެތުރެމުން އަންނަ ވައިރަސްގެ އާވައްތަރުތައް މާފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ކަމަށް އިނގިރޭސިވިލާތުން ބުނެއެވެ. އެހެންވެ މިހާރު އެގައުމުގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ވަނީ ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތުގައި ފުރަބަންދަށް ދެން ލުއިތަކެއް ދޭނީ ކޮވިޑް-19 ވެކްސިން 15 މިލިއަން މީހުންނަށް ދެވުމުންނެވެ. އެކަމަށް އަދި ދެތިން މަސް ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު