ދެކުނު އެފްރިކާގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ އާ ސްޓެއިންގެ ސަބަބުން އެގައުމުގެ ހާލަތު ގޯސްވަމުން ދާތީ ކާފިއު އިއުލާންކޮށް ބައެއް އިތުރު ފިޔަވަޅުތައް އަޅައިފިއެވެ.

ދެކުނު އެފްރިކާގެ ރައީސް ކައިރިލް ރަމަފޯސާ އިއްޔެ ނެރުއްވި ރިޔާސީ އަމުރެއްގައި ވަނީ ބަނގުރަލުގެ ވިޔަފާރި ކުރުން ވަގުތީ ގޮތުން ދެކުނު އެފްރިކާގައި މަނާކޮށް ގެއިން ބޭރަށް ނިކުންނައިރު އާއި އާއްމު ޚިދުމަތްދޭ ހުރިހާތަނެއްގައި މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ.

އިއްޔެ އިން ފެށިގެން ވަކިގޮތެއް އަންގަންދެން ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 06:00 އަށް އެއްވެސް ބޭނުމެއްގައި ގެއިން ބޭރަށް ނިކުތުން ވެސް ދެކުނު އެފްރިކާގައި ވަނީ މަނާކޮށްފައެވެ.

ކާފިއުގެ ވަގުތުގައި ގެއިން ބޭރަށް ނިކުންނަ މީހުންނާއި މާސްކް ނާޅައި ގެއިން ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށާއި އަދި އެމީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފެންނަނަމަ ޖިނާއީ ދައުވާ ވެސް ކުރާނެ ކަމަށް ދެކުނު އެފްރިކާގެ ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ސްވިމިން ޕޫލްތައް ބަންދު ކުރަން ވެސް ސަރުކާރުން ވަނީ އަންގާފައެވެ.

ދެކުނު އެފްރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ އެއްމިލިއަނަށް އަރާފައެވެ. މިމަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވުމަށް ފަހު މިހާރު ވަނީ ދަށަށް ދާން ފަށާފައެވެ. ނަމަވެސް އިއްޔެ ވެސް އެގައުމުން 7458 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ދެކުނު އެފްރިކާގެ ހާލަތު ގޯސްވާން ފަށާފައި ވަނީ ޑިސެމްބަރ މަހުގެ ދެވަނަ ހަފްތާ އިން ފެށިގެންނެވެ. އެގައުމުގެ ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި ގައުމުގެ ހާލަތު މިހާރު ގޯސްވަމުން ދަނީ އާވައްތަރުގެ ވައިރަސް މާފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަމުން ދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު