އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 އާ ސްޓެއިންގެ ހަވޭދަނަ (ކޭސް) މިހާތަނަށް އިންޑިއާ އިން ފެނިފައިވާ ކަމަށް އެގައުމުން ދެންމެ ބުނެފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުން އާވައްތަރުގެ ވައިރަސް އަށް ފައްސިވެފައި ވަނީ އިނގިރޭސިވިލާތުން އިންޑިއާއަށް އައި ހަމީހުން ކަމަށެވެ. "ހަމީހުން ވެސް ވަނީ އެކަހެރި ކުރެވިފައި. އަދި އެމީހުންނާއި އެންމެ ގާތުން ބައްދަލުވި މީހުން ވެސް މިހާރު ވަނީ އެކަހެރި ކުރެވިފައި." އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާ އިން މިހާރު ވަނީ އިނގިރޭސިވިލާތުގެ ދަތުރުވެރިންނަށް އެގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ. ނަމަވެސް ނޮވެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ބޯޑަރު ބަންދު ކުރުމާއި ހަމައަށް 33000 ފަސެންޖަރުން އިނގިރޭސިވިލާތުން އިންޑިއާ އަށް ަތުރު ކޮށްފައި ވެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އިނގިރޭސިވިލާތުން އިންޑިއާއަށް އައި 114 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އެއެންމެންގެ ސުންކުތައް ވެސް ދަނީ ކޮވިޑް-19 އާ ސްޓެއިން އަށް ފައްސިވޭތޯ ޓެސްޓް ކުރަމުންނެވެ.

އިންޑިއާ އަކީ ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އިންޑިއާ އިން މިހާތަނަށް 10.2 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި ބަލާއިރު މިހާރު އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އަންނަ މަހު އެގައުމުގައި ކޮވިޑް-19 ވެކްސިން ދޭން ފެށޭނެ ކަމަށް ބެލެވެއެވެ. އިންޑިއާ ސަރުކާރުން އަމާޒު ހިފާފައި ވަނީ ފުރަތަމަ 300 މިލިއަން މީހުންނަށް ވެކްސިން ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު