އަރަބި ކަނޑުގައި ދާދިފަހުން އުފެދުނު ބާރުގަދަ ތޫފާން، "ތޫފާން މެކުނު" އަށްފަހު، ސައުދީ އަރަބިއްޔާގެ ބައެއް ހަނަފަސް ސަހަރާތަކުގައި ފެނުގެ ކޯރުތަކެއް އުފެދިއްޖެއެވެ.

ތޫފާން މެކުނުގައި އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސަހަރާތަކުގައި ފެންގަނޑު ހެދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، މިއީ ފާއިތުވެދިޔަ ވިހި އަހަރުގެ ތެރޭގައި ވެސް ފެނިފައިނުވާ ފަދަ މަންޒަރެއް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފައި ވެއެވެ.

އެގޮތުން އެޤައުމުގެ އެންމެ ހަނަފަސް އަދި ބޮޑު ސަހަރާ ކަމުގައިވާ "ރަބް އަލް-ޚާލީ" ސަހަރާގައިވެސް ގިނަ ޢަދަދެއްގެ ފެންގަނޑުތަކެއް އުފެދިފައިވާއިރު، އެންމެ ބޮޑަށް ތޫފާން މެކުނުގެ އަސަރު ސައުދީން ކުރި ސަރަޙައްދުތަކުގެ ތެރޭގައި މި ސަރަޙައްދު ހިމެނެއެވެ.

"މިއީ ސައުދީގެ އެންމެ ހަނަފަސް އެއް ސަހަރާ. ތޫފާނުގެ ސަބަބުން ވެހުނު ބޯ ވާރޭގައި ބޮޑެތި ފެންގަޑުތަކެއް ސަހަރާގައި އުފެދިފައިވާ މި މަންޒަރަކީ މަދު ފަހަރެއްގައި ނޫނީ ނުފެންނާނެ މަންޒަރެއް. މި ފެންގަނޑުތައް ކައިރިއަށް ޖަމަލުތަކާއި ސަހަރާގެ އެނޫންވެސް ދިރުންތައް ގިނަ ޢަދަދަކަށް މިހާރު ޖަމާވަމުންދާއިރު، މި ހިއްގައިމު މަންޒަރު ދެކިލުމަށް ގިނަ ޢަދަދެއްގެ ފަތުރުވެރިންވެސް އަންނަނީ ޒިޔާރަތްކުރަމުން،" އޮފިޝަލަކު ބުނެފައި ވެއެވެ.

"ރަބް އަލް-ޚާލީ" ސަހަރާއަކީ، ދުނިޔޭގެވެސް އެންމެ ބޮޑު ސަހަރާއެވެ. މި ސަރަޙައްދުގެ ބޮޑުމިނުގައި ސައުދީގެ ތިންބައިކުޅަ އެއްބައިގެ ބޮޑުމިން ހުރެއެވެ. އެކި މޫސުންތަކުގައި ވެއްޔަށް ބަދަލު އަންނަމުންދާ މި ސަހަރާއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސަރަހާއެކެވެ. އަދި ތޫފާނުގެ ސަބަބުން ސަހަރާއަށް އައިސްފައިވާ ތާރީޚީ ބަދަލު ބަލައިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ޝަޢުގުވެރިކަން ފާޅުކުރަމުންނެވެ.

ކެޓެގަރީ ދޭއްގެ ތޫފާނެއް ކަމަށްވާ "ތޫފާން މެކުނު" މީގެ ކުރިން ޔަމަނަށްވެސް އަރާފައިވާއިރު، އެޤައުމުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެއްލިފައެވެ. މީގެ އިތުރުން އިންޑިއާއާއި ސަރަޙައްދީ އެހެން ބައެއް ޤައުމުތަކަށްވެސް ތޫފާނުގެ އަސަރު ކުރިއެވެ. މިއީ ފާއިތުވެދިޔަ އަހަރުތަކުގައި މި ސަރަޙައްދުގައި އުފެދުނު މިފަދަ އެންމެ ވަރުގަދަ އެއް ތޫފާނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ.

    ސައުދީގެ ރަސްގެފާނުގެ އަމުރައް ކުރަންނުޖެހޭ އެތައްކަމެއްކުރުމުގެ ހިތިނަތީޖާ ދެންވެސް ތައުބާވެ ކަބަފައިންގެ ރިވެތި އަހުލާގުގަ ތިއްބަވާ މުސްލިމުގައުމުތަކާ ގުޅުން ބަދަހިކޮއް ކާފަރުންނައް ނޫނެކޭ ބުނުއްވާ ހާއްސަކޮއް އިޒުރޭލާ

    • Anonymous

      ފެނަކީ ދިރުން މިކަމުން ގަސްތައް ހެދި ދިރުން ލިބޭނީ

  2. ޙފހ

    ދުނިޔޭގެ އެންމެ ބޮޑު ސަހަރާ އަކީ އެންޓާޓިކާ

    • ގޫގުލް މެޕްސް

      ސީކޮށްތަ؟؟ ދޮގު ނުހަދަބަ!!