އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. "ޓައިމްސް އޮފް އިންޑިޔާ" އިން ބުނި ގޮތުގައި މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ އެޤައުމުގެ ޕޫނޭގެ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، ބެލި ބެލުމުންނެވެ.

އެނޫހުން ބުނެފައިވާ ގޮތުގައި މި ފަސް މީހުން، މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ގެއިން، މޯދީ އަވަހަރާކޮށްލުމުގެ ކަންކަން ބަޔާންކޮށްފައިވާ ސިޓީއެއްވަނީ ފެނިފައެވެ. އަދި، މި ފަސް މީހުންނަކީވެސް، އެޤައުމުގައި އުޅެމުންދާ ވަކިވެ ގަތުމަށް މަސައްކަތް ކުރާ މައޮއިސްޓުންނާ ގުޅުން އޮންނަ ބައެއްކަމަށްވެސް، އެނޫހުން ބުނެފައިވެއެވެ.

މި ސިޓީވެސް މިހާރު މީޑިޔާއާއި މީސް މީޑިޔާގައިވެސްވަނީ އާއްމުވެފައެވެ. އާއްމުވެފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، މޯދީ އަވަހަރާކޮށްލުމަށް ރާވާފައިވަނީ، އެޤައުމުގެ ކުރީގެ ބޮޑުވަޒީރު، ރަޖީވް ގާންދީ އަވަހަރާކޮށްލި ގޮތަށެވެ. އެގޮތުން، އިންސާނީ ބޮން ބޭނުންކޮށްގެން، ސިޔާސީ އެއްވުމަކަށް ހަމަލާ ދިނުމަށް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ، ބައެއް ހަތިޔާރު ގަތުމަށް ފައިސާ ހޯދުމާ ބެހޭގޮތުންވެސް، މި ސިޓީގައި ވާހަކަ ދައްކާފައިވާކަމަށްވެއެވެ.

މިކަމާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން، އެމީހުންގެ ވަކީލު ބުނެފައިވަނީ، ފެނުނު ސިޓީއަކީ ފޭކު ސިޓީއެއްކަމަށެވެ. އަދި، ބަންދުކުރި މީހުން ތިބީ ފްރޭމްކޮށްފައިކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

އެހެންނަމަވެސް، އެޤައުމުގެ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރެއްކަމުގައިވާ ސަންޖޭ ނިރުޕަމް ބުނެފައިވަނީ މި ސިޓީއާމެދު ސުވާލު އުފެދޭކަމަށެވެ. އެހެންނަމަވެސް، މިއީ ހަޤީޤަތެއް ނޫންކަމަށްވެސް ނުބުނާކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ، މޯދީ އަވަހަރާކޮށްލަން ބަޔަކު ރާވާކަމުގެ ވާހަކައަކީ، އޭނާއަށް އޮންނަ ތާއީދު ކުޑަވުމުން، ދޭތެރެ ދޭތެރެއިން ދައްކާލާ ވާހަކައެއްކަމަށެވެ.

ރަޖީވް ގާންދީ އަވަހާރަކޮށްލާފައިވަނީ 1991 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އިންސާނީ ބޮން ބޭނުންކޮށްގެން، ޖާނުން ފިދާވެގެން އެހަމަލާ ދީފައިވާއިރު، އެކަން ކޮށްފައިވަނީ ސްރީ ލަންކާގައި ވަކިވެގަތުމަށް މަސައްކަތްކުރި ތަމަޅައިންނެވެ. ޗެންނާއީ ކައިރީގައި އޮތް ސިޔާސީ އެއްވުމަށް ރަޖީވް ވަޑައިގެންނެވިތަނުން، ކަރުގައި މާފަތި އެޅުވުމަށްފަހު މި ހަމަލާ ދިންއިރު، ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު، އިންޑިޔާގެ އިންޓެލިޖެންސް، ރޯ އަށް ލިބުނުކަމަށްވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޫން ދެވަނަ ދައުރަކަށް ގޮޑި ހޯދަން މޯޑީގެ މަރުފަލި ޖެހުމުގެ ފެށުމުގެ ރަސްމިއްޔާތު އެންމެ ފުރަތަމަވެސް ތި ބާއްވާލީ މަރާލަން އުޅުނޭކިޔައިގެން ދޯ. ސާބަހޭ. ތިހިރަ ވިސްނުމަކަށް. އެކަމަކު ދެރަވީ ދިވެހިރާއްޖެ ކަހަލަ ކުޑަ ޤައުމަކުން ޖީއެމްއާރް ފައްސާލި ފައްސާލުމުގައި މޯދީ ކުޑަކަކޫ ޖެހުނުތަންފެނީމާ. އެހެންވީ މޯދީ އަކީ ހަމަ އެއްވެސް ހިންގުންތެރިކަމެއް ހުރި މީހެއްނޫން.

  2. އަންނިގެ އިންޑިޔާ.... އަމިއްލައަށް އެހަށް އިސްލާހުވެބަލަ ރާއްޖެއާ ނުތޮޅެ؛