ހާލުގައި ޖެހިގެން އިރާގުން ޖަރުމަނަށް ރެފިއުޖީއެއްގެ ގޮތުގައި ގޮސް އުޅުނު މީހަކު، އެޤައުމަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާ އާއި ގުޅިގެން އުމުރުން 20 އަހަރުގެ އަލީ ބަޝާރު ނަމަކަށްކިޔާ މީހަކު، އިރާގުގެ ކުރްދިސްތާނުން ހައްޔަރުކޮށްފައިވާއިރު، އޭނާ ޖަރުމަނުގައި ހުރެފައި އެނބުރި ޤައުމަށް ދިޔައީ އެކުއްޖާ ރޭޕްކޮށް މަރާލުމަށްފަހު ފިލަންވެގެންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގައި، އިރާގުގެ ހަމަނުޖެހުން ބޮޑުވެގެން، ޖަރުމަނަށް ރެފިއުޖީންގެ ގޮތުގައި އަލީ އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ދިޔައިރު، އެމީހުން އުޅެމުންދިޔައީ ޖަރުމަނުގައި ޤާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައެވެ. އެއަށްފަހު އެކި ފަހަރު މަތިން، ކުށްތަކުގައި އަލީ ޖަރުމަނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޖަރުމަނުގެ ކުޑަ ކުއްޖަކު މަރާލި މައްސަލަ އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ތަހުޤީޤު ކުރަމުންދާއިރު، އަލީ ވަނީ އެކުއްޖާ މަރާލިކަމަށް އެއްބަސްވެސް ވެފައެވެ. އެ ހާދިސާ ހިނގައި ދިޔަގޮތް ކިޔައިދެމުން އަލީ ބުނީ، އޭނާ ގަދަކަމުން ރޭޕްކޮށްލުމަށްފަހު، މަރާލީ ކަރަށް ފިއްތައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޖަރުމަނުން ގެއްލިގެން ހޯދަމުންދިޔަ އެކުއްޖާ މަރާލާފައި އޮއްވައި ފެނިފައިވަނީ، އަލީ ދިރިއުޅެމުންދިޔަ ރެފިއުޖީ ކޭމްޕްތައް ހުރި ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި ހުރި ގުދަނެއްގެ ތެރެއިންނެވެ.