ސުއޭޒް ކެނަލްގައި ކާގޯ ބޯޓެއް ބީހުމުން ކެނަލް ބަންދުވެފައި އޮންނަތާ ހަފްތާއެއް ފަހުން އަލުން ދަތުރުތައް ފަށައިފިއެވެ.

އެވާ ގިވެން ނަމަކަށް ކިޔާ ދުނިޔޭގެ އެންމެ ބޮޑު ކާގޯ ބޯޓު ކެނަލްގެ ތެރެއަށް ބީހުމުން މުޅި ކެނަލް ބަންދުވެ ދުނިޔޭގެ ވިޔަފާރިއަށް ވެސް ބުރޫއަރާފައި ވަނިކޮށް އެބޯޓު ފުންކުރެވުނީ އިއްޔެ އެވެ.

ކެނަލްގެ ދަތުރުތައް ކުރިއެކޭ އެއްގޮތައް ހުޅުވާލި ނަމަވެސް ޓްރެފިކް ބާރު ބޮޑުވެފައި ވާތީ ބޯޓުތައް ދަތުރު ކުރަމުން ދަނީ ވަރަށް މަޑުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ކެނަލްގެ ތެރެއިން ހުރިހާ ބޯޓެއް ވެސް ދަތުރު ކުރަމުން ދަނީ 1.5 މޭލުގެ ބާރުމިނުގައެވެ.

ސުއޭޒް ކެނަލްގެ ތެރޭގައި ބީހުނު ބޯޓު މިހާރު އޮތީ ކެނަލްގެ ގާތްގަނޑަކަށް މެެދުތެރޭގައި އޮންނަ ގްރޭޓް ބިޓާ ލޭކްގައެވެ. ބޯޓު ބީހުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ބޯޓަށް ލިބިފައި އޮތްތޯ ބެލުމަށް މިއަދު ބޯޓުގެ އިނިސްޕެކްޝަނެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެނިސްޕެކްޝަނަށް ފަހު ދަތުރު ކުރުމުގެ ހުއްދަ ދީފިނަމަ އެވާގިވެން ދެން ދަތުރު ކުރާނީ "ޕޯޓް ސައީދު" ބަނދަރުން މެޑިޓަރޭނިއަމް ކަނޑަށް ނިކުންނާށެވެ.

20000 ކޮންޓޭނާ ބަރުކޮށްފައި އޮތް 1300 ފޫޓްގެ ކޮންޓޭނާ ބޯޓު ސުއޭޒް ކެނަލްގައި ބީހުމުން ސުއޭޒް ކެނަލް ހުރަސް ނުކުރެވި 400 އަށް ވުރެ ގިނަ ބޯޓު މެޑިޓަރޭނިއަމް ކަނޑާއި އަރަބި ކަނޑުތެރޭގައި އެބައޮތެވެ. މިއަދު މީގެ ތެރެއިން 150 ބޯޓު ކެނަލް ހުރަސް ކުރާނެ ކަމަށް ބެލެވެއެވެ. އެވާގިވެން ފުންކުރެވުމާއި އެކު ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު ދުވަސްތެރޭގައި މިހާރު ކިއުގައި އޮތް ހުރިހާ ބޯޓަކަށް ކެނަލް ހުރަސް ކުރެވޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ކެނަލް ހުރަސްކޮށް 24 ގަޑިއިރު ދަތުރު ކުރެވޭނެއެވެ.