ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ދިމާކޮށް އަފްޣާނިސްތާނުގެ ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް، ތާލިބާނުން އެޤައުމުގައި ބޮޑު ލޭއޮހޮރުވުމެއް ހިންގައިފިއެވެ.

ނޫސްތައް ބުނާގޮތުން އަންގާރަ ދުވަހު އެޤައުމުގައި ތާލިބާނުން ދިން ޙަމަލާތަކެއްގައި އަފްޣާނިސްތާނުގެ 15 ވަރަކަށް ސިފައިން ވަނީ މަރާލާފައެވެ. ތާލިބާނުން މި ހަމަލާ ދީފައި މިވަނީ، ރޯދަ މަހާއި ދިމާކޮށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ބޭރުގެ ބައެއް ޤައުމުތަކުން އިސްނަގައިގެން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.

އަންގާރަ ދުވަހުގެ ހާދިސާގައި ތާލިބާން ހަނގުރާމަވެރިން ހަމަލާ އަމާޒުކޮށްފައި ވަނީ އަފްޣާނިސްތާނުގެ ބަލްޚް ޕްރޮވިންސުގެ ޗަމްތަލް ޑިސްޓްރިކްޓުގައި ހުންނަ އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށެވެ. ތާލިބާނުން ހަމަލާ ދޭން ފެށުމާއެކު ބަދަލުގައި އަފްޣާނިސްތާނުގެ ސިފައިންވެސް ވަނީ ހަނގުރާމަވެރިންނަށް ރައްދު ޙަމަލާތަކެއް ދީފައެވެ.

އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ތާލިބާނުންނާއި ދެކޮޅަށް ހިނގި މި ކުރިމަތިލުމުގައި އެ ޖަމާޢަތުގެ ހަތް ހަނގުރާމަވެރިއަކުވެސް މަރާލާފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާއި އެޤައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާތާ އެތައް ޒަމާނެއް މިހާރު ވަނީ ވެފައެވެ. ދާޚިލީ މި ހަމަނުޖެހުމަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް މިހާތަނަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުރި މަސައްކަތްވެސް ކާމިޔާބު ވެފައެއް ނުވެއެވެ.

މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމަށް ޤަތަރުގައި ބޭއްވި ސުލްޙައިގެ ބައްދަލުވުމަށް ފަހުވެސް އެކަށީގެންވާ ބަދަލެއް އެޤައުމުގެ މަޝްރަހަކަށް ނާދެއެވެ. އެޤައުމުގެ ޙާލަތު ބަދަލު ކުރުމަށް ތުރުކީގެ ވެރިކަންކުރާ އިސްތަމްބޫލުގައި ވެސް މިމަހު މިފަދަ ސުލްޙައިގެ މަޝްވަރާތަކެއް ކުރިޔަށް ގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ.