ނިއުޒިލޭންޑްގައި ދުންފަތުގެ ބާވަތްތައް މަނާ ކުރަން އެ ގައުމުން މަސައްކަތް ފަށައިފިއެވެ.

އެގޮތުން ނިއުޒިލެންޑްގައި ދުންފަތުގެ ބާވަތްތައް މަނާ ކުރަން ނިންމާފައިވަނީ 2004 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށެވެ. އެފަދަ ނިންމުމެއް ނިންމާފައިވަނީ 2025 ވަނަ އަހަރާ ހަމައަށް އެގައުމަކީ ދުންފަތުގެ އިސްތިއުމާލާ ދުރު ގައުމަކަށް ހެދުމަށްޓަކައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުގައި މިހާރު އެކުލަވާލާފައިވާ ގާނޫނު ތަންފީޒު ވެއްޖެނަމަ، ދުންފަތުގެ ބޭނުން ކުރެވޭނީ ވަކި އުމުރު ފުރާއެއްގެ ބަޔަކަށެވެ. އަދި ދުންފަތުގެ ބާވަތްތައް 18 އަހަރުން ދަށުގެ ކުދިންނަށް ވިއްކުން ވެސް މަނާވެ، ފިހާރަތަކުން ވިއްކާ އެފަދަ ތަކެތި މަދު ކުރެވިގެން ދާނެއެވެ.

ނިއުޒިލޭންޑްގެ މޯރީ އަކީ ގާތްގަނޑަކަށް ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ. އޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކަކީ ދުންފަތުގެ ބާވަތްތައް ބޭނުން ކުރާ މީހެކެވެ.

ނިއުޒިލޭންޑްގެ ހެލްތް މިނިސްޓަރު ޑރ. އައިޝާ ވެރަލް ވިދާޅުވީ ކޮންމެ އަހަރަކު އެ ގައުމުން 4500 ވަރަކަށް މީހުން ދުންފަތުގެ ބާވަތްތަކުގެ ސަބަބުން މަރުވާ ކަމަށާއި އެހެން ކަމުން 2025 ވަނަ އަހަރާއި ހަމައަށް އެގައުމަކީ ދުންފަތާ ދުރު ގައުމަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެކަން ހާސިލް ކުރެވޭނީ ރީޓެއިލްކޮށް ވިއްކާ ތަކެތި މަދު ކޮށްގެން ކަމަށާއި އަންނަ އަހަރުން ފެށިގެން ފިހާރަތަކުން 18 އަހަރުން ދަށުގެ ކުދިންނަށް އެފަދަ ތަކެތި ވިއްކުން ހުއްޓާލައިފިނަމަ އެކަން ހާސިލު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.