ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނަ އިންޑިއާއަށް އެހީތެރިވުމުގެ ގޮތުން އިނގިރޭސިވިލާތުން އެގައުމަށް 1000 ވެންޓިލޭޓަރު ފޮނުވަން ނިންމައިފިއެވެ.

އިންޑިއާއަކީ ކޮވިޑް-19ގެ ނުރައްކާ ބޮޑު ގައުމެކެވެ. އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ބަލި މީހުންނަށް ފަރުވާ ނުދެވޭ މައްސަލައިގެ އިތުރުން އޮކްސިޖަން ނެތް މައްސަލަ ވަނީ ފެންމަތިވެފައެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވާ މިންވަރާއި ރިކޯޑް އަދަދަކަށް މީހުން މަރުވަމުންދާކަން ރިޕޯޓް ކުރަމުން ދިއުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އަދި ސައިންޓިފިކް އޮފިސަރު އެގައުމުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކާ ކުރެވެން އޮތީ ކޮންކަމެއްތޯވަނީ ބަލާފައެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބުނެފައިވަނީ އިންޑިއާ އަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެގައުމުން އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ތިބެނޭ ކަމުގައެވެ.

އިގިރޭސިވިލާތާއި އިންޑިއާއި ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އަންގާރަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު ޖޯންސަން އޮންލައިން ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައެވެ.

އިނގިރޭސިވިލާތުން އިންޑިއާއަށް 1000 ވެންޓިލޭޓަރު ފޮނުވަން ނިންމާފައިރުވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެގައުމުން ވަނީ 200 ވެންޓިލޭޓަރާއި 495 އޮކްސިޖަން އަދި އޮކްސިޖަން އުފައްދާ ތިން ޔުނިޓް ފޮނުވާނެ ކަމަށް ބުނެފައެވެ. މިތަކެތި އިންޑިއާއަށް މާދަމާގެ ވަގުތެއްގައި ލިބޭނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އައުމާއި އެކީ އިންޑިއާ ވެފައިވަނީ އެންމެ ގިނައިން މީހުން މަރުވި ކަމަށް ރިކޯޑް ކުރެވިފައިވާ ގައުމުގެ ގޮތުގައެވެ. އަދި އެއް ދުވަހެއްގެ ތެރޭގައި އެ ބައްޔަށް 400،000 އަށްވުރެ މީހުން ފައްސިވެފައިވާ ގައުމެއްގެ ގޮތުގައި އިންޑިއާ ވަނީ ހިމެނިފައެވެ.