އަވަށްޓެރި އިންޑިއާގެ ހާލަތު ވަނީ ހީވެސް ނުކުރާހާ ގޯސްވެފައެވެ. ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ފައްސިވެ މަރުވަމުން އެބަދެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މަރުވަމުން އަންނަނީ ފަރުވާ ނުލިބިގެންނެވެ. މިފަދަ އެތައް ހާދިސާއެއް މީސްމީޑީއާގައި މިހާރު ވަނީ ދައުރުވާން ފަށާފައެވެ.
އުމުރުން 61 އަހަރުގެ ސަވިތާ އޮބެރޮއި އަކީ މާލީ ގޮތުން ތަނަވަސް އާއިލާއެއްގެ މަންމައެކެވެ. އެހެން މީހުންނާއި ހިލާފަތް އެ އާއިލާގެ މީހުން އޭނާ އަށް ފަރުވާ ހޯދުމަށް ފައިސާއަށް ދަތިވެފައެއް ނުވެއެވެ. ހަމަ އެކަނި ދަތިވީ ހޮސްޕިޓަލުން އެނދެއް ހޯދުމަށެވެ.
އާއިލާއިން ބުނާ ގޮތުގައި ސަވިތާ އަށް ކޮވިޑް-19 ޖެހިގެން އިތުރު ފަރުވާ ހޯދުމަށް ވަނީ 15 ވަރަކަށް ހޮސްޕިޓަލަށް ގޮސްފައެވެ. އެހެން ނަމަވެސް އެއްވެސް ހޮސްޕިޓަލަކުން އޭނާ އެނދުމަތި ކޮށްގެން ފަރުވާ ދެވޭނެ ވަރެއް ވަނީ ނުވެފައެވެ. ގިނަ ހޮސްޕިޓަލްތަކުގެ ދޮރުވެސް ނުހުޅުވައެވެ.
"15 ވަރަކަށް ހޮސްޕިޓަލުތަކުގެ ދޮރުގައި އަޅުގަނޑުމެން ޓަކި ދިނިން. ވަރަށް ގިނަ ދަންނަ މީހުން އުޅޭ ކަމާއި ބެހޭ އިދާރާތަކަށް މަންމަގެ ފަރުވާއަށް ގުޅިން." ސަވިތާގެ އަންހެން ދަރިފުޅު ވަންޑަނާ ޕަލިވަލް 38އ. ބުންޏެވެ.
އެކި މީހުންނަށް ގުޅަމުން ގޮސް ދަންނަ މީހަކު ހުންނަ ހޮސްޕިޓަލެއްގައި މަންމައަށް ފަރުވާ ދޭން ފެށި ނަމަވެސް، ވަގުތު ކުޑަވި ކަމަށާއި އޭގެ ދުވަސްކޮޅެއް ފަހުން މަންމަ މަރުވި ކަމަށް އޭނާ ބުންޏެވެ. ސަވިތާ މަރުވެފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
"އަޅުގަނޑު ބުނެލާނީ އިންޑިއާ މީހުން މަރުވެގެން ދަނީ ކޮންމެހެން ކޮވިޑް ޖެހިގެން ނޫން ކަމަށް. އެމީހުން މަރުވަނީ އެދެވޭ ފަރުވާ ނުލިބިގެން. މިއީ ވަރަށް ބޮޑު ތަފާތު ދެކަމެއް" ވަންޑަނާ ބުންޏެވެ.
އޭނާ ބުނީ، ހޮސްޕިޓަލްތަކާއި ކްލިނިކް ތަކާއި ބޭސްފިހާރަ ތަކުގެ ބޭރުގައި ދިގު ކިއުތަކެއް އޮންނަ ކަމަށައި ދެ ދުވަސްވަންދެން ވެސް އޭނާގެ މަންމަ ކޮވިޑަށް ޓެސްޓް ނުކުރެވޭ ކަމަށެވެ. އަދި ކިތަންމެ މުއްސަނދި މީހަކަސް ކޮވިޑް-19 އިން ރައްކާތެރިވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިކަހަލަ ވަގުން އުޅޭތަނެއްގަ ދެން ކިހާވަރެއްވާނެ.