އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ބޮން އަޅަމުން ދަނިކޮށް އިއްޔެ ޣައްޒާގެ ދެކުއްޖަކު ވަރަށް ހަނިގޮތަކަށް މަރުގެ އެތިފަހަރަކުން ސަލާމަތްވެއްޖެއެވެ.

އާއްމުވެފައިވާ ސީސީޓީވީ ފުޓޭޖަކުން ފެންނަ ގޮތުގައި ބޮމުގެ ހަމަލާއެއް ގެއަކަށް އަމާޒުވިއިރު އެގޭގައި ތިބި ދެކުދިން ތިބީ ހަމަލާތަކުގެ އަޑު ގަދަވެގެން ގޭތެރޭގައި ހިނގަހިނގައެވެ. ބޮމުގެ ހަމަލާގައި ގޭގެ ސީލިންގުން ބައެއް ނައްޓައިގެން ވެއްޓުނީ ސީލިންގުން ނެއްޓުނު ބައި ވެއްޓުނު ދިމާލުގައި ދެކުދިން ތިބުމަށް ފަހު ދުރަށް ޖެހިލިތާ ދެތިން ސިކުންތު ފަހުންނެވެ.

ކުދިންގެ ހަރަކާތް ކުޑަތަންކޮޅެއް ލަސްވި ނަމަވެސް ދެކުދިންގެ ފުރާނަ ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. ނަސީބު ރަނގަޅު ކަމުން މިނުރައްކާތެރި ހަމަލާއިން ދެކުދިން ވަނީ ސަލާމަތް ވެފައެވެ.

މިހަމަލާއިން ސަލާމަތްވީ ހައެއްކަ އަހަރުގެ ދެކުދިންނެވެ.

އިސްރާއީލުން ހޯމަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 87 މީހަކު ޝަހީދުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. މިއަދަދު މިއަށްވުރެ މައްޗަށް ދިއުން ވަރަށް ގާތެވެ. ޝަހީދުވި މީހުންގެ ތެރޭގައި 18 ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

އިސްރާއީލުން ބައެއް ކުދިން ޝަހީދުކޮށްލާފައި ވަނީ ހޯމަ ދުވަހު މަގުމަތީ ކުޅެން ތިއްބާ އެކުދިންނަށް ސީދާ އަމާޒުކޮށް ހަމަލާ ދީގެންނެވެ.

އިސްރާއީލުން ހަމަލާ ދެމުން ގެންދަނީ މުޖާހިދުންގެ އަމާޒުތަކަށް ކަމަށް އެގައުމުން ބުނި ނަމަވެސް ޣައްޒާގައި ތިބި ނޫސްވެރިންނާއި އާއްމުން މައުލޫމާތުދޭ ގޮތުގައި އިސްރާއީލުން ގިނައިން ހަމަލާ ދީފައި ވަނީ އާއްމުން ދިރިއުޅޭ ގެތަކަށާއި، މަދަނީ ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އޮފީސްތަކަށެވެ.

އަދިވެސް ހަމަލާތައް އަވަހަށް މެދުކެނޑިދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް މިހާރު ވެސް ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީ 9000 ސިފައިން ތައްޔާރީ ހާލަތުގައި ބައިތިއްބާފައި އެބަތިއްބެވެ.