އަލްޖަޒީރާއާއި އިތުރު ގިނަ މީޑިއާ ތަކެއް މަސައްކަތް ކުރަމުންދާ އިމާރާތެއް ގޮއްވާލަން އިސްރާއީލުން ނިންމައިފިއެވެ.
އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވަނީ ޣައްޒާ ގައި ހުންނަ އެއިމާރާތްތަކުގައި އަލްޖަޒީރާގެ އިތުރަށް ވެސް ގިނަ މީޑިއާތަކެއް ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
އަލްޖަޒީރާއަކީ އިސްރާއީލް އިން އަލްއަޤްސާ މިސްކިތައް ހަމަލާތައް ދޭން ފެށި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ވަގުތުން ހަބަރުތައް މެދު ނުކެނޑި ގެނެސްދޭ ބައިނަލް އަގުވާމީ ހަމަ އެކަނި މީޑިއާއެވެ. އިސްރާއީލުން އެ މީޑިއާގެ ބޭފުޅުން މަސައްކަތް ކުރަމުން އަންނަ އެއިމާރާތް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އެމީޑިއާއިން ވެސް ވަނީ އިއުލާނު ކޮށްފައެވެ.
އިސްރާއީލުން އެ އިމާތުގައި ހަރަކާތްތެރިވާ މީޑިއާތަކަށް، އިމާރާތް ހުސްކުރުމަށް މިހާރު ވަނީ އަންގާފައެވެ.
އެގޮތަށް ހުސްނުކޮށްފިނަމަ، ކުރިއަށް އޮތް 1 ގަޑިއިރުތެރޭ ބޮންއަޅާ އެ އިމާރާތް ބިމާ ހަމަ ކޮށްލާނެ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި 10 މީހުންގެ އާއިލާއެއް ޝަހީދު ކޮށްލުމާއި ގުޅިގެން އެގައުމަށް ހަމަލާ ދޭން ފަށާފައެވެ. އެގޮތުން މިއަދު ހަމާސް އިން ދިން ހަމަލާގައި އިސްރާއީލުގެ ތިން އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.