މައްކާގެ ހަރަމްފުޅުގައި ޒަމްޒަމް ފެން ދިނުމަށް ރޮބޮޓްތަކެއް ބޭނުން ކުރަން ފަށައިފިއެވެ.
ސައުދީ ޕްރެސް އެޖެންސީ އިން ބުނީ ރޮބޮޓްތައް ބައިތިއްބާފައި ވަނީ މައްކާގެ ހަރަމްފުޅުގައި އާއި މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއް ނަބަވީގައި ކަމަށެވެ.
މައްކާގެ ހަރަމްފުޅާއި މަސްޖިދުއް ނަބަވީގައި ފެން ދިނުމަށް ރޮބޮޓްތައް ބޭތިއްބުން ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ މި ދެ މިސްކިތާ ހަވާލުވެވަޑައިގެން ހުންނަވާ ރައީސް ޝައިހް ޑރ. އަބްދުއްރަހްމާން ބިން އަބްދުލްއަޒީޒް އަލް ސުދައިސްއެވެ.
Zamzam water robot introduced in Masjid Al Haram, Makkah pic.twitter.com/tCsRjBglkw
— Inside the Haramain (@insharifain) June 13, 2021
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ސުދައިސް ވަނީ އިންސާނިއްތުކަމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިންމުކަން ހާމަކުރައްވައިފައެވެ. އަދި ކޮވިޑްގެ މިފަދަ ދަނޑިވަޅެއްގައި ރޮބޮޓް ބޭނުންކުރުމުގެ މުހިންމުކަންވެސް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.
ކޮވިޑާ ގުޅިގެން ސައުދީ ސަރުކާރުން ވަނީ ހަރަމްފުޅުގައި ތާމަލް ކެމެރާތަކެއްވެސް ބަހައްޓައިފައެވެ. މީގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ދެނެގަނެވި ކޮވިޑްގެ އަލާމަތެއް ހުރި މީހަކު ނަމަ ދެނެގަނެވޭނެއެވެ.
ކޮވިޑާ ގުޅިގެން މިއަހަރު ވެސް ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ނުލިބޭނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ. ނަމަވެސް ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެކި ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މިދިޔަ އަހަރެކޭ އެއްގޮތައް މިއަހަރު ވެސް ދޭނެއެވެ.
ސައުދީ ސަރުކާރުން ބުނީ މި އަހަރުވެސް ހައްޖުގެ އަޅުކަމަށް ދެވޭނީ 18 އަހަރާއި 65 އަހަރާއި ދެމެދުގެ ކޮވިޑް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި މި އަހަރު ހައްޖުގެ އަޅުކަމަށް ޖާގަ ހުޅުވާފައި ވަނީ އެންމެ 60،000 މީހުންނަށެވެ.
ކޮވިޑް ނިމުމުން ކުރިއެކޭ އެއްގޮތަށް ގިނަ ފަރާތްތަކަށް ހައްޖުގެ އަޅުކަން ޢަދާކުރުމަށް ދެވޭނޭ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.