ދެ އަހަރަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަޝްމީރުގެ ލީޑަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މޯދީ އާއި ބައްދަލު ކުރެއްވި ލީޑަރުން ވަނީ ކަޝްމީރަކީ ވަކި ސްޓޭޓެއް ގޮތުގައި ކަނޑައަޅައި، އެ ސަރަހައްދު ބެލެހެއްޓުމަށް މީގެ ކުރިން ދީފައިވާ ބާރު އަލުން ދިނުމަށް އެދިފައެވެ.

"އަޅުގަނޑުމެން ދެންނެވިން 2019 ވަނަ އަހަރުގެ ފަސްވަަނަ ދުވަހު ނިންމި ނިންމުންތަކަށް އަޅުގަނޑުމެން ތާއިދު ނުކުރާކަން. މި މައްސަލަ ދުލެއް ނުކުރާނަން. މިގޮތް ގަބޫލުކުރާކަށް އަހަރުމެން ތައްޔާރެއް ނޫން. ކޯޓަށް މައްސަލަ ހުށަހަޅާނަން" ކަޝްމީރުގެ ނެޝަނަލް ކޮންފަރެންސް ޕާޓީގެ ލީޑަރު އުމަރު އަބްދުﷲ ވިދާޅުވިއެވެ.

އިންޑިއާގެ މައި ސަރުކާރުން 2019ވަނަ އަހަރުގެ އޮގަސްޓް މަހު ނިންމާފައިވަނީ އެ ސްޓޭޓަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީ އެއް ގޮތަށެވެ. ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަދާކް ވަކި ޓެރިޓަރީއަކަށެވެ. ކަޝްމީރުގައި ސިފައިންނާއި ފުލުހުން ހަތިޔާރާއި އެކު ހަރަކާތްތެރި ވަމުންދާ މިންވަރު އިތުރުކޮށް، އެ ސަރަހައްދުން ގިނަ އަަދަދެއްގެ ބަޔަކު ހައްޔަރު ކުރިއެވެ. އަދި ބައެއް މީހުން ގޭގައި ބަންދުކޮށްފައިވާއިރު، އޭގެ ތެރޭގައި އެ ސަރަހައްދުގެ ލީޑަރުން ވެސް ހިމެނެއެވެ.

މޯދީ ވިދާޅުވީ ޖައްމޫ އާއި ކަޝްމީރުގެ ލީޑަރުންނާއި ބައްދަލުކުރެއްވުމަކީ އެ ސަރަހައްދު ތަރައްގީވެފައިވާ ސަރަހައްދަކަށް ހެދުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ސަރަހައްދަކީ ކުރިއަރާފައިވާ ތަރައްގީ ސަރަހައްދަކަށް ހެދުމަށް ކުރާ މަސައްކަތް ހަލުވިކަމާއި އެކު ކުރިޔަށް ގެންދިޔުމަށް މޯދީ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މޯދީ ވިދާޅުވިއެވެ.