ވޭތުވެދިޔަ ދުވަސްތަކުގައި ކޮވިޑާ ގުޅިގެން ކުޅިވަރުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ކަންތައްތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު ޖައްމު އާއި ކަޝްމީރުގެ ސަރުކާރުން ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް އެޑްވެންޗާ ސްޕޯޓްސްގެ ހަރަކާތްތައް ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކަޝްމީރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރާތްކުރާ މަންޒިލެއް ކަމަށެވެ. އަދި އެމީހުންގެ ހިތަށް އެންމެ ކަމުދާ ކުޅިވަރަކަށް ވެފައިވަނީ ރާފްޓިންގް ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ޓޫރިޒަމް ސިނާއަތް ކުރިއެރުުވުމަށް މަސައްކަތް ފަށާފައިވާއިރު އެ ކުޅިވަރަށް ހާއްސަ އިސްކަމެއް ދީގެން ކުޅިވަރުތައް ވަނީ ހަމަޖައްސައިފައެވެ.

ފުރަބަންދަށް ފަހު އަލުން ކުޅިވަރުތައް ފަށާއިރު ރާފްޓިންގް އާއި ފަތުރުވެރިން ހިތްހަމަޖެހޭ އެތައް ކުޅިވަރެއް ކުޅެން ފަށާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ވޭތުވެދިޔަ ދެތިން އަހަރުތެރޭގައި ކޮވިޑާއި ގުޅިގެން ހާލަތުހުރި ގޮތުން ސަރުކާރުގެ ޖަމުއްޔާތަކުންނާއި އަމިއްލަ ޖަމުއްޔާތަކުން ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށާއި އެޑްވެންޗާ ކުޅިވަރުތައް އިންތިޒާމް ކުރެވިފައެއް ނުވާކަން ޓޫޫރިޒަމް މިނިސްޓްރީއިން ފާހަގަ ކުރިއެވެ. ކުޅިވަރުތައް އަނެއްކާވެސް ފަށަން ނިންމާފައިވަނީ އެ ސަރަހައްދުން ކޮވިޑް ކޭސްތައް މަދުވާން ފެށުމުންނެވެ.

އިންޑިއާގައި ވޭތުވެދިޔަ ދެތިން މަސް ދުވަސް ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވިއެވެ. ވޭދަނަތައް ކޮންޓްރޯލް ނުވެ ގިނަ އަދަދެއްގެ ބަޔަކު ބަލީގައި މަރުވަމުންދިޔައެވެ. ސިއްހީ ނިޒާމް ވެސް ބޮއްސުންލައިގެން ގޮސްފައިވާ ދުވަސްތަކަކާއި އިންޑިއާގެ އެކި ސަރަހައްދުތަކުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހުނެވެ.

ހަމަ އެކަނި ޖައްމުއާއި ކަޝްމީރުން ވެސް 317،000 މީހަކަށް ބަލި ޖެހި 4,343 މީހުން ބަލީގައި މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.