ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ފުރަބަންދުކޮށްފައި އޮއްވައި އީދާ ދިމާކޮށް އަށް ދުވަހަށް ފުރަބަންދު އުވާލަން ސަރުކާރުން ނިންމައިފިއެވެ.

ބަންގްލަދޭޝް ސަރުކާރުން ފުރަބަންދު އުވާލަން ނިންމީ އީދާ ދިމާކޮށް ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމަށެވެ. އެތައް ހާސް މީހުންނާ އެކު ބަންގްލަދޭޝްގެ މަގުތައް ފުރާލަމުންދާ އިރު އެކި ފަރާތްތަކުން ދަނީ އެއް ސިޓީއިން އަނެއް ސިޓީއަށް ދަތުރު ކުރަމުންނެވެ.

މުހައްމަދު ނިޖާމް ކިޔާ ބަންގްލަދޭޝްގެ ރައްޔިތަކުވެސް މިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން އެހެން ސިޓީއަކަށް ދިއުމަށް ފުރައިފައެވެ. ނިޖާމް ފުރާފައި ވަނީ ފުރަބަންދާއިއެކު އޭނާ މަސައްކަތް ކުރަމުން އައި އިމާރާތްކުރުމުގެ ދާއިރާ ހުއްޓި އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތުމުންނެވެ.

ނިޖާމް ބުނާގޮތުގައި ޑާކާގައި އޭނާ ކުއްޔަށް ދިރިއުޅޭ ގެއަށް ކޮންމެ މަހަކުވެސް ފައިސާ ދައްކަންޖެހޭއިރު ބައެއް ދުވަހު އޭނާ ހުންނަނީ ފައިސާއެއް ނުލިބި ހުސް ބަނޑާއެވެ.

ބަންގްލަދޭޝްގައި އަށް ދުވަހަށް ފުރަބަންދު ނަގާފައިވާ އިރު މީގެ ސަބަބުން އެ ގައުމުގެ ކޮވިޑުގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ގޮސްދާނެ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ލަފާދެއެވެ. އަވަށްޓެރި އިންޑިއާ އިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓު ބަންގްލަދޭޝްއިން ވެސް ފެނި އެތައް ބަޔަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

ކޮންމެ ދުވަހަކު ބަންގްލަދޭޝްގައި ކޮވިޑް ޖެހިގެން 200 އަށްވުރެ ގިނަ މީހުން މަރުވާ އިރު ކުރިޔަށް އޮތް ދުވަސްތަކުގައި މި އަދަދު އިންތިހާއަށް އިތުރުވެގެންގޮސްދާނޭ ކަމަށް ސިއްހީމާހިރުން ބުނެއެވެ.

ބަންގްލަދޭޝް ސަރުކާރުން ބުނީ ފުރަބަންދު އުވާލި ކަމުގައިވިޔަސް މަގުމައްޗަށް ނުކުމެއުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވާންޖެހޭނެ ކަމަށެވެ.