ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިޔަށްދާ އޮލިމްޕިކް ގޭމްސް އާއެކު ކޮވިޑް-19 ގެ ބޮޑު ރާޅެއް ޖަޕާނަށް އަރާފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުން ދީފިއެވެ.

ސިއްހީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ 20 އިންސައްތައަށް އިތުރުވެފައެވެ. ޖަޕާނުގެ މިނިސްޓްރީ އޮފް ހެލްތް، ލޭބާ އެންޑް ވެލްފެއާ އިން ރިޕޯޓުކުރާ ގޮތުގައި ފާއިތުވި ހުކުރު ދުވަހު އެކަނިވެސް އެ ގައުމުން ކޮވިޑުގެ 4،204 ވޭދަނަ ވަނީ ފެނިފައެވެ. އޭގެ ކުރީ ހަފްތާގެ ހުކުރު ދުވަހު އެ ގައުމުން ފެނިފައި ވަނީ ކޮވިޑުގެ 3،419 ވޭދަނައެވެ. ހަފްތާއެއްގެ ތެރޭގައި 785 ވޭދަނަ ވަނީ އިތުރުވެފައެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި ޖަޕާނުގެ ސަރުކާރުން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެ ގައުމުގައި ވެކްސިން ޖަހާފައި ތިބި މީހުންގެ އަދަދު މަދުވުމެވެ. އެގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބީ ޖަޕާނުގެ އާބާދީގެ އެންމެ 23 އިންސައްތަ މީހުންނެވެ.

ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި އިއްޔެ ޖަޕާނުގެ ޓޯކިޔޯގައި ފެށި އޮލިމްޕިކްސް ގޭމްސް އާއެކު އެ ސިޓީ އަދި އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވާނެއެވެ. އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ވޭދަނަތައް އިތުރުވުމުން އެ ގައުމުގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ.

ޖޫން މަހުން ފެށިގެން ޖަޕާނުގައި ކޮވިޑް ވޭދަނަތައް އިތުރުވާން ފަށާފައިވާ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވާއިރު ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކޮވިޑުގެ ތިންވަނަ ރާޅުގައި ވޭދަނަތައް ފެތުރޭ މިންވަރު އަވަހަށް އިތުރުވެދާނެ ކަމަށްވެސް ބެލެވޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އޮލިމްޕިކްސް އާއެކު ކޮވިޑުގެ 17 ވޭދަނަ މިހާރު ފެނިފައިވާއިރު އަދި ޔަގީންނުވާ 123 ވޭދަނަ އުޅޭ ކަމަށް އޮލިމްޕިކްސް އޯގަނައިޒާސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު