ޗައިނާއިން ތައްޔާރުކޮށްފައިވާ ސިނޮފާމް އާއި ސިނޯވެކް ވެކްސިން ޖަހައި ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެހެން ގައުމުތަކުގައި ތައްޔާރު ކޮށްފައިވާ ވެކްސިނުން ބޫސްޓާ ޑޯޒެއް ދިނުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް ކައިޒިންއިން ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ މަޝްހޫރު މެގަޒިން، ކައިޒިންއިން ރިޕޯޓު ކޮށްފައިވާ ގޮތުން ޗައިނާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ ޗައިނާގެ ފޯސަން ފާމާއިން ތައްޔާރު ކޮށްފައިވާ ވެކްސިނާއި ޖަރުމަނުގައި ތައްޔާރުކޮށްފައިވާ ބިއޯންޓެކް ވެކްސިން ތަހުލީލްކޮށް، ސިއްހީ މާހިރުންގެ މެދުގައި މަޝްވަރާކޮށްފައެވެ. ފޯސަން-ބިއޯންޓެކް ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުމުގެ ކަންތައް މިހާރު ވަނީ އެޑްމިނިސްޓްރޭޓިވް ރިވިއު ސްޓޭޖްގައެވެ.

މި ރިޕޯޓު ނެރެފައިވަނީ ތައިލެންޑާއި އިންޑޮނޭޝިއާއިން ޗައިނާގައި އުފައްދާ ވެކްސިންގެ ބަދަލުގައި ދެން ބޭނުންކުރާނީ އިނގިރޭސި ވިލާތުގައި އުފައްދާ ވެކްސިންކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން ޗައިނާ ސަރުކާރުން އެހެން ވެކްސިނެއްގެ ބޫސްޓާ ޑޯޒެއް ދިނުމުގެ ވިސްނުން ގެންގުޅެމުން އަންނަނީ ޗައިނާގައި ތައްޔާރުކޮށްފައިވާ ސިނޯވެކް ވެކްސިނާއި ސިނޮފާމް ވެކްސިނުގައި އެންޓިބޮޑީ ލެވެލް ދަށްކަމަށް ފާހަގަވުމުން ކަމުގައި ބެލެވެއެވެ.

މިދިޔަ މަހު ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސާސް-ކޮވް2 އިންފެކްޝަންއިން 51 އިންސައްތަ ރައްކާތެރި ކޮށްދޭ ކަމަށާއި، ކޮވިޑުގައި ބޮޑުވަރުވުމުން 100 އިންސައްތަ ދުރުކޮށްދޭ ކަމަށާއި، ވެކްސިންގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދިނުމުން ދުރުކޮށްދޭ ކަމަށެވެ.

މީގެ ކުރިންވެސް ޗައިނާއިން ވަނީ ވެކްސިނުން ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ދެ ވައްތަރުގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރުމުގެ ވިސްނުން ގެންގުޅެފައެވެ.