ތައިލޭންޑުގައި ކޮވިޑް-19 އަށް ފައްސިވެ ބަލީގައި މަރުވާ މީހުންގެ ހަށިގަނޑުތައް ކޮންޓޭނަރުތަކުގައި ރައްކާކުރަން ފަށައިފިއެވެ. މިއީ އެގަމުގައި 2004 ވަނަ އަހަރުގެ ސުނާމީގެ ދުވަސްވަރު އަމަލުކޮށްފައިވާ ގޮތެކެވެ.

އިއްޔެ ތައިލޭންޑުގައި 18912 މީހުން ކޮވިޑް-19 އަށް ފައްސިވެ، 178 މީހުންވަނީ ބަލީގައި މަރުވެފައެވެ. އެއާއެކު އެ ގައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދުވަނީ 597,287 އަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ އަދަދުވަނީ 4,857 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން ތައިލޭންޑުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އޭގެ ސަބަބުން މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލުމާއި އެންދުމުގެ ކަންކަން ހަމަޖެއްސުމުގައި ބޮޑެތި ދަތިތަކަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. އެއާއި އެކު އެ ގައުމުގެ ހޮސްޕިޓަލް ތަކުން ވަނީ މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލެވެންދެން ނުވަތަ އަންދާލެވެންދެން ފިނިކޮށްފައިވާ ކޮންޓޭނަރުތަކުގައި ރައްކާކުރަން ފަށައިފައެވެ. އޭގެ ކޮންޓޭނަރެއްގެ އަގު 7،600 އެމެރިކާ ޑޮލަރަށް އަރައެވެ.

ތައިލޭންޑުގައި ގޮތްނޭނގޭ މަރުތަކުގެ 20 އިންސައްތަ މީހުންނަކީ ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުން ކަމަށްވެސް އެ ގައުމުގެ ހޮސްޕިޓަލްތަކުން އަންނަނީ ނިންމަމުންނެވެ. އެ ގައުމުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން އެގައުމުގެ ވެރިރަށް ބެންކޮކުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ހަފްތާއެއްގެ ތެރޭގައި 1،800 އެނދުގެ ހޮސްޕިޓަލެއް ވަނީ ގާއިމްކޮށްފައެވެ.

ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުން ގިނަވެ ތައިލެންޑުގެ ހޮސްޕިޓަލުތައް އަންނަނީ ފުރެމުންނެވެ. އެގައުމުގައި ވެސް ބަލީގައި މަރުވާ މީހުންގެ ތެރޭގައި އެކަށީގެންވާ ފަރުވާ ނުލިބި މަރުވާ މީހުން މިހާރު އިތުރުވަމުންދާކަން ސިއްހީ މާހިރުން އަންނަނީ ފާހަގަކުރަމުންނެވެ.