ސްރީލަންކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެގައުމުގެ ހުރިހާ ސަރުކާރު ހޮސްޕިޓަލެއް ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭން ހާއްސަ ފެސިލިޓީތަކަށް ބަދަލު ކުރަން ނިންމައިފިއެވެ.

ލަންކާގެ ސަރުކާރުގެ ފާމަސޫޓިކަލްސް ކޯޕަރޭޝަންގެ ޗެއާމަޕް ޕްރަސަންނަ ގުނަސޭނަ އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި ލަންކާގެ ހުރިހާ ސަރުކާރު ހޮސްޕިޓަލެއް ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ފެސިލިޓީތަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވަނީ ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތެއް ފެނުނަސް އަވަހަށް ހޮސްޕިޓަލަށް ގޮސް ކޮވިޑަށް ޓެސްޓް ކުރުމަށް އެދިވަޑައިގެންފައެވެ. "ކޮވިޑްގެ ކުޑަ އަލާމާތެއް ފެނުނަސް ތިމާގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ކުރިން އަވަހަށް އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގޮސް ކޮވިޑަށް ޓެސްޓްކޮށް ސިއްހީ ހިދުމަތްތެރިން އަންގާ ގޮތަކަށް އަމަލު ކުރުމަށް އިލްތިމާސް ކުރަން." ޕްރަސަންނަ ވިދާޅުވިއެވެ.

ޕްރަސަންނަ ވިދާޅުވީ ލަންކާގައި ޑެލްޓާ ވޭރިއަންޓް ފެތުރެމުން ދަނީ "ޖަންގައްލެއްގައި އަލިފާން ރޯވީމަ އަނދައިގެން ދާހާ" ހަލުވިމިނުގައެވެ.

ސްރީލަންކާ އިން އިއްޔެ ވެސް 2956 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އަކީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ސްރީލަންކާ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ލަންކާގައި ވެސް ވެކްސިން ދިނުން ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. އިއްޔެ ވެސް އެގައުމުން ވަނީ ފަސްލައްކައެއްހާ މީހުންނަށް ވެކްސިން ދީފައެވެ. އޭގެ ތެރެއިން ތިންލައްކަ މީހުންނަކީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންނެވެ.

ސްރީލަންކާ ސަރުކާރުން ބުނާ ގޮތުގައި އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ ފުރަބަންދު ނުކޮށް ބަލި ކޮންޓްރޯލް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު