އޮކްސިޖަން ހޮޅިއެއް ފަޅައިގެން ގޮސް ރަޝިޔާގެ ހޮސްޕިޓަލެއްގައި އެޑްކިޓްކޮށްފައި ތިބި މީހުންގެ ތެރެއިން ނުވަ މީހުން މަރުވެއްޖެ އެވެ.

ރަޝިޔާގެ ރިޕަބްލިކް ކްލިނިކަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިއްބާ މަރުވެފައި ވަނީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުން ފަރުވާހޯދަމުން ދިޔަ މީހުންނެވެ. ދަ ޓާސް ނިއުސް އެޖެންސީ އިން ހަބަރުފަތުރާގޮތުގައި މި ހާދިސާ ހިނގައިދިޔަގޮތް މިހާރު ކަމާބެހޭ ފަރަތްތަކުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ރަޝިއާގެ ސަރުކާރުން ބުނާ ގޮތުގައި މިހާދިސާ ހިނގުމުގައި އިހުމާލުވި ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެއެވެ.

މި ހާދިސާ ހިނގި ވަގުތު ހޮސްޕިޓަލުގެ އައިސީޔޫގައި 71 ބަލިމީހުން ތިބިކަމަށް ރަޝިޔާގެ ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި 13 ބަލިމީހަކަށް ދިޔައީ ވެންޓިލޭޓަރުގައި ފަރުވާދެމުން ކަމަށް އެ ވުޒާރާއިން ބުނެއެވެ. މަރުވި މީހުންވެސް ތިބީ ވެންޓިލޭޓަރުގައި ކަމަށް ވެއެވެ.

ހޮސްޕިޓަލުގެ އިސްފަރާތް، ސާގެއި މިނީޔައިލޯ ބުނީ އެ ހޮސްޕިޓަލުން މަރުވި ނުވަ މީހުންގެވެސް ފުއްޕާމޭގެ 90 އިންސައްތަ ވަނީ ހާދިސާ ދިމާވުމުގެ ކުރިންވެސް ހަލާކުވެފައި ކަމަށެވެ. އެމީހުން މަރުވީ އޮކްސިޖަން ހޮޅި ފަޅައިގެން ދިއުމުންކަމަށް ނިންމަން އަދި އަވަސްކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިނީޔައިލޯ ބުނީ ހާދިސާ ކުރިމަތިވެގެން 30 ނުވަތަ 40 މިނެޓްގެ ތެރޭގައި އައިސީޔޫގައި ތިބި ހުރިހާ ބަލިމީހަކަށް ބެކަޕްގައި ހުރި އޮކްސިޖަނާއި އޮކްސިޖަން ސިލިންޑަރު ބޭނުންކޮށް އޮކްސިޖަން ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުގައި އޮކްސިޖަން ނުލިބުމުގެ އެއްވެސް ދަތިކަމެއް ނެތްކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާއި އެކު ރަޝިޔާގެ ހޮސްޕިޓަލްތަކުގައި ދިމާވާ އެކި އެކްސިޑެންޓުތަކުގައި ގިނަ ޢަދަދެއްގެ ކޮވިޑް ބަލިމީހުން މަރުވާކަން ފާހަގަ ކުރެވެއެވެ. ޖޫން މަހު ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިންމީހަކު ވަނީ މަރުވެފަ އެވެ. ފާއިތުވި އަހަރުގެ މެއި މަހުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ހަތް މީހަކު މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު