ކޮވިޑް-19 އިން ދިފާއުވުމަށް އެއް ދުވަހުގެ ތެރޭގައި ޓިއުނީޝިއާގައި ތިބި ބައި މިލިއަން މީހުންނަށް ވެކްސިން ދީފިއެވެ.

ޓިއުނީޝިއާގައި ރިކޯޑު އަދަދެއްގެ މީހުން ވެކްސިން ޖަހާފައި ވަނީ އަރަބި ގައުމުތަކުންނާއި ހުޅަނގުގެ ގައުމުތަކުން ގުޅިގެން އެ ގައުމަށް ވެކްސިންގެ ހަ މިލިޔަން ޑޯޒު ދީފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުން ކޮވިޑުން ދިފާއުވުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެކްސިން ޖެހުމަށް އެކުލަވާލައިފައިވާ ވެކްސިން ޕްރޮގްރާމްތައް ލަހުން ކުރިޔަށްދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޓިއުނީޝިއާގެ ކުރީގެ ބޮޑުވަޒީރު ހިޗެމް މެޗީޗީއާ ދެކޮޅަށް ވަނީ މުޒާހަރާ ކޮށްފައެވެ.

މުޒާހަރާތައް ހުއްޓުމަކަށް އައިތާ ފަސް މަސް ދުވަސް ފަހުން އެ ގައުމުގެ 1.3 މިލިއަން މީހުން ކޮވިޑުން ދިފާއުވުމަށް ދެ ޑޯޒް ވެކްސިން ޖަހާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން މި ވަނީ އިއުލާން ކޮށްފައެވެ. ވެކްސިން ޕްރޮގްރާމްތައް ހަލުވިކަމާއެކު ކުރިޔަށް ގެންދިއުމަށް އަމާޒުކޮށްގެން އެގައުމުގައި ވެކްސިން ޕްރޮގްރާމްތައް ހަރުދަނާކަމާއެކު ކުރިޔަށް ގެންދަން ފެށިއެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިދިޔަ އާދިއްތަ ދުވަހު ޓިއުނީޝިއާގައި 551،000 މީހުން ވެކްސިން ޖަހާފައިވާކަމަށް ދައްކައެވެ. އޮކްޓޯބަރު މަހުގެ ކުރިން އާބާދީގެ ދެބައި ކޮށްފަ އެއްބަޔަށް ވެކްސިން ޖަހައި ޑޯޒްތައް ފުރިހަމަ ކުރުމަކީ ޓިއުނީޝިއާ ސަރުކާރުގެ މައި އަމާޒެކެވެ.

ޓިއުނީޝިއާގެ ހޮސްޕިޓަލުތަކުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ވަނީ ފުރިފައެވެ. ކޮވިޑް ވޭދަނަތައް އިތުރުވަމުންދާ އެގައުމުގައި އޮކްސިޖެންގެ ދަތިކަމާއި ވެސް ކުރިމަތިލާންޖެހި ޑޮކްޓަރުން ވަނީ ވަރުބަލިވެފައި ކަމަށް ފްރާންސް24 ނޫހުން ރިޕޯޓު ކޮށްފައިވެއެވެ. އެ ގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ފައްސިވަމުންދަނީ އެންމެ ފުރަތަމަ އިންޑިއާއިން ދެނެގަނެވުނު ޑެލްޓާ ވޭރިއެންޓަށް ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.

މިހާތަނަށް ޓިއުނީޝިއާ އިން 610,660 މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވާއިރު، ބަލީގައި 21,000 މީހުން މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.