އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އިސްތިއުފާ ދެއްވަން ވިސްނަވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ތަކުން ރިޕޯޓު ކޮށްފިއެވެ.

މީޑިއާތަކުން އަފްޣާނިސްތާނުގެ ރައީސް އިސްތިއުފާ ދޭން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ތާލިބާނުން އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް އެ ޖަމާއަތްތަކުގެ ބާރުގެ ދަށަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި، ތާލިބާނުންނާއި، އަފްޣާން ސަރުކާރާއި ދެމެދު މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ. އަދި އެ މަޝްވަރާތަކުގައި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެންފައެވެ. އަވަސް މުސްތަގުބަލެއްގައި އަޝްރަފް ޣަނީ އިސްތިއުފާ ދެއްވައި، އެއަށްފަހު ތާލިބާނުންނާއި ވެރިކަން ހަވާލުކުރެއްވުމަށް ވަނީ ނިންމައިފައެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީއިން ބުނީ ތާލިބާނާއި ވެރިކަން ހަވާލު ހަވާލުކުރާނީ "ސުލްހަވެރިކަމާއި" އެކުގައި ކަމަށެވެ. ތާލިބާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން މުޅި ކާބުލް ވަށާލައިފައިވާއިރު، ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝާހީން ވިދާޅުވެފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ކާބުލްއަށް އެތެރެވެފައި ނުވާނެ ކަމަށެވެ.

ގަދަބާރުން ކާބުލް ނުހިފާނެ ކަމަށާއި، ކާބުލްގައި ހައިޖާނެއް އުފެއްދުމުގެ ބަދަލުގައި ސުލްހަވެރިކަމާއި އެކު ސިޓީ ހަވާލުކުރަންދެން އިންތިޒާރުކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި އޭގެ އިތުުރުން ކާބުލް ދޫކޮށްދާން ބޭނުންވާ އެގައުމުގައި ތިބި އެހެން ގައުމުތަކުގެ މީހުންނަށް ވެސް އެ ފުރުސަތު އެބައޮތްކަން ފާހަގަ ކޮށްފައިވެއެވެ.

ކާބުލް ދޫކޮށް ދިއުމަށް ބައެއް މީހުން ވަނީ ދަތުރު ފަށައިފައެވެ. ތާލިބާނުންގެ ހަމަލާތައް އިތުރުވާން ފެށުމާއެކު އަފްޣާނިސްތާނުގެ މީހުން ވަނީ އެކި ގައުމުތަކަށް ހިޖުރަކުން ފަށާފައެެވެ. އަދި އޮފިސްތަކާއި، ކާބުލްގައި ހުރި އެމްބަަސީތައް ހުސްކޮށް، އޮފިސްތަކުގައި ހުރި މުހިންމު ލިއެކިއުންތައް ނައްތާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮންޓޭ

    އެމެރިކާ އެދިޔައީ ބިރުން...ހާސިލްވިކަމެއްނެތް..
    އަސްލުއެރީ 2001ވަނަ އަހަރުގެ ހަމަލާއަށް ބަދަލު
    ހިފަންށޯ؟ފުރަތަމަ ޓްވިންޓަވަރ ވައްޓާލީ އުސާމާ ގެ އަލްގައިދާއިންތޯ؟؟އެކަން ކުރީ ކިހިނަކުންތޯ؟؟ދުނިޔޭގެ މީހުން ވަރަށް ފުންކޮށް ވިސްނުންއެދެން

  2. ގަބޫލް

    އެމެރިކާ ފޭބިގޮތައް ހަބަރު ބަލަމުން މަމިގެންދަނީ
    އަލްޖަޒީރާއިން...ވަރަށް އިންޓްރަސްޓް...ވަގުތު ނޫހުން ލައިވް އަޕްޑޭޓް ހަބަރުގެނެސްދިނުންއެދެން...މިއިކީ އާދައިގެ ކަމެއްނޫން ވަރަށް ބިރުވެރި ކަމެއް...