އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓަށް ދަތުރުނުކުރަން އެމެރިކާއިން އަންގައިފިއެވެ.

އެމެރިކާއިން މިފަދައިން އަންގާފައިވަނީ އެތައް ހާސް ބަޔަކު އެގައުމު ދޫކޮށް ދިއުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ބުނީ ކާބުލް އެއާޕޯޓުގެ ގޭޓު ބޭރުން ދިފާއީ/ސަލާމަތީ ގޮތުން ލިބިދާނެ ނުރައްކާތެރި ގެއްލުމަކަށް ބަލައި، އެގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން އެ ސަރަހައްދަން ދިއުން ހުއްޓާލުމަށް އެދޭ ކަމަށެވެ. އަދި އެމެރިކާ ސަރުކާރުން ވަކި އެއްޗެއް އަންގަންދެން ކާބުލް އެއާޕޯޓުގެ ގޭޓުން އެތެރެ ނުވުމަށްވެސް އެމްބަސީ ޓްރެވަލް އެޑްވައިޒަރު އެދިފައިވެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއި އެކު އެގައުމުގެ މީހުން އަފްޣާނިސްތާނު ދޫކޮށް ދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ގައުމުން ބޭރުވުމަށް ކާބުލްގެ އެއާޕޯޓަށް ޖަމާވެ އެ މަސައްކަތް ކުރަމުންދެެއެވެ. ގިނަ ގައުމުތަކަކުން މިހާރު ވަނީ އަފްޣާނިސްތާނުގެ މީހުންނަށް ހިމާޔާތްދޭން ފަށާފައެވެ.

ގައުމު ދޫކޮށް ދިއުމަށް ކާބުލްގެ އެއާޕޯޓަށް މީހުން ޖަމާވަމުން ދަނިކޮށް ތާލިބާނުން ހިފައިފައި އަފްގާނިސްތާން ދޫކޮށް ދިއުމަށް ބޭނުންވާ މީހުންނާ އެކު ކާބުލް އެއާޕޯޓް ތޮއްޖެހިފައިވަނިކޮށް، ކާބުލްގެ އިންޓަނޭޝަނަލް އެއާޕޯޓް އެމެރިކާގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށް މިދިޔަ ހަފްތާގައި މީޑިއާތަކުން ރިޕޯޓު ކޮށްފައިވެެއެވެ.

ކާބުލް އެއާޕޯޓް އެމެރިކާގެ ބާރުގެ ދަށަށް ގެނައީ އަސްކަރީ ހަތިޔާރާ އެކު، 6،000 އެމެރިކާ ސިފައިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އެމެރިކާއިން ކާބުލް އެއާޕޯޓުގެ ކޮންޓްރޯލް ނެގީ އެ ގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާއިން ބުނީ އަފްގާންގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި 1،000 ވުރެ އެމެރިކާ ރައްޔިތުންނާއި އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކާއި އަފްގާންގެ މުހިއްމު ބައެއް މީހުން އެމެރިކާއަށް ދިއުމަށް ނިންމާފައިވާ ކަމަަށެވެ.