އަފްޣާނިސްތާނުގެ އަންހެނަކު އެޤައުމުން ފުރަން ތައްޔާރުވެފައި އޮތް އެމެރިކާގެ ފްލައިޓެއް ތެރެއަށް ކުއްޖަކު ވިހައިފިއެވެ.

ކާބުލްގެ އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް އެމެރިކާގެ އެއާ ފޯސްގެ ފްލައިޓްގެ ތެރެއަށް އަފްޣާނިސްތާން އަންހެނަކު ވިހާފައި ވަނީ އަންހެން ކުއްޖެކެވެ. މި ކުއްޖާ ވިހފައިވާކަން ހާމަކޮށްފައި ވަނީ އެމެރިކާގެ އެއާ މޮބިލިޓީ ކޮމާންޑުންނެވެ.

އެގައުމުގެ އެއާ މޮބިލިޓީ ކޮމާންޑުން ބުނީ އަފްޣާނިސްތާން މީހާ ކުއްޖާ ވިހީ ފްލައިޓް އުދުހެމުން ދަނިކޮށް ކަމަށެވެ. އަދި އަންހެން މީހާ ވިހަން ކައިރިވެފައިވާކަން އެނގުމުން ފްލައިޓްގެ ކެޕްޓަން ވަނީ ފްލައިޓް ތިރިކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަންހެން މީހާ ވިހުމުން އެމެރިކާގެ އަސްކަރިއްޔާގެ ފްލައިޓް ވަނީ ޖަރުމަންވިލާތުގެ ރެމްސްޓެން ވައިގެ ބަނދަރަށް ޖައްސާފައެވެ. އަދި ފްލައިޓް އެއާޕޯޓުގައި ޖެއްސުމުން އެއާޕޯޓުގައި ތިބި ސިފައިން ވަނީ އެއަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމެރިކާއާއި އެހެނިހެން ބޭރުގެ ޤައުމުތަކުން ދަނީ އަފްޣާނިސްތާނުގައި ތިބި ރެފިއުޖީންނާއި އެކި ޤައުމުތަކުގެ ރައްޔިތުން އެޤައުމުން ބޭރުކުރުމަށް އެކި މިޝަންތައް ހިންގަމުންނެވެ. ފާއިތުވި ވިހި އަހަރުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވެ ތަފާތު އެކި ނަންނަމުގައި މިޝަންތައް ހިންގާފައިވާއިރު، އެހުރިހާ ކަމެއް ހުއްޓުމަކަށް ގެނެސް އެމެރިކާ ސިފައިން އެނބުރި ޤައުމަށް އައުމަށް އެޤައުމުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އެންގުމުން ތާލިބާނުން ވަނީ އަފްޣާނިސްތާނަށް އަރައި އެޤައުމުގެ ފުލް ކޮންޓްރޯލް ނަގާފައެވެ.

ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާން ގޮސް އެމީހުންގެ ސަރުކާރެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.