އުތުރު ކޮރެޔާ އަކީ ނިއުކްލިޔާ ހަތިޔާރުގެ ބާރު ނެތް ޤައުމަކަށް ހަދަން މަސައްކަތް ކުރާކަމަށް ބުނެފައިވީނަމަވެސް، އެޤައުމުން އަދިވެސް ނިއުކްލިޔާ މަސައްކަތްތައް ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ. ނިއުކްލިޔާ މޮނިޓަރަކުން މިހެން ބުނެފައިވަނީ، ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ސެޓެލައިޓުތަކަކުން ދިން މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ.

އެޤައުމުގެ ލީޑަރު، ކިމް ޖޮންގ އުން، ދެކުނު ކޮރެޔާގެ ރައީސް އާއެކި ބޭއްވެވި ބައްދަލުވުމުގައި، އެޤައުމަކީ ނިއުކްލިޔާ ހަތިޔާރު ނެތް ޤައުމެއްކަމަށް ހަދަން އެއްބަސްވެ، އެމަސައްކަތްތައްވެސް ފެށިއެވެ.

ހަމައެހެންމެ، މި މަހުގެ 12 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ، ކިމް ޖޮންގ އުން ބައްދަލުކުރައްވާވެސް، ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އެބައްދަލުވުމަށްފަހު، ޓްރަމްޕް ވެސް ބުނެފައިވަނީ، ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތް އުތުރު ކޮރެޔާ އިން ފަށާފައިވާކަމަށެވެ.

ޓްރަމްޕް އާއި ކިމް
ޓްރަމްޕް އާއި ކިމް

އެހެންނަމަވެސް، ސެޓެލައިޓު ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތަކުން ހާމަވާ ގޮތުގައި، އުތުރު ކޮރެޔާ އިން ދަނީ އަދިވެސް ނިއުކްލިޔަރ ބާރުވެރިކަން އިތުރުކުރުމުގެ މަސައްކަތާއި، ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ޓެސްޓުތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަން، ސެޓެލައިޓު ފޮޓޯތަކުން ސާބިތުވާކަމަށް، މިކަން ހާމަކުރި ފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުން، ޓެސްޓުތައް ކުރިއަށް ގެންދިޔުމުގެ އިތުރުން، އެސަރަޙައްދުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ. އެގޮތުން ޔޮންގބްޔޮން ނިއުކްލިޔަރ ރިސާޗު ސެންޓަރުގެ ކައިރީގައި އިތުރު ޕްލާންޓެއް އެޅުމުގެ މަސައްކަތްތަކާއި، އެސަރަޙައްދުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އެކޮމޮޑޭޝަން ބްލޮކުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، އެތަނަށް ދާ މަގުތައްވެސް ހަދަމުންދާކަމަށް، އެފަރާތުން ބުނެފައިވެއެވެ.

އެފަރާތުން އިތުރަށް ބުނެފައިވަނީ، އުތުރު ކޮރެޔާގައި މި މަސައްކަތްތައް، ކުރަމުންދަނީ ކިމް ޖޮންގ އުން ނުވަތަ ކަމާ ބެހޭ އެނޫންވެސް އިސް ފަރާތަކުން މިކަންކަން ހުއްޓާލުމަށް އަދި އަންގާފައި ނުވުމުންކަމަށް ވުން އެކަށީގެންވާކަމަށެވެ. އެގޮތުން، ކަންކަން ހުރި ގޮތުން ހުރިހާ ރިސާޗް މަރުކަޒުތަކެއްގެ މަސައްކަތްތައް ހުއްޓާނުލެވެނީކަމަށް ވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، އުތުރު ކޮރެޔާ އިން މި މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނަމަ، އޭގެ މާނައަކީ ޓްރަމްޕް އާއެކު ބޭއްވި ސިންގަޕޫރު ސަމިޓަކީ ބޮޑު ފެއިލެއްކަމަށް ބައިނަލްއަޤުވާމީ ނޫސް ރިޕޯޓުތައް ބުނެއެވެ.