ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތް ސްރީލަންކާ އިން މިއަދު ވެސް ކޮވިޑް-19 ޖެހިގެން އިތުރު 198 މީހުން މަރުވެއްޖެއެވެ. މިއަދަކީ މިހާތަނަށް ލަންކާ އިން އެންމެ ގިނަ މީހުން ކޮވިޑްގައި މަރުވި އެއްދުވަހެވެ. މިމަހުގެ 21 ވަނަ ދުވަހު ވެސް ލަންކާ އިން 198 މީހުން ކޮވިޑް ޖެހިގެން މަރުވިއެވެ.

ލަންކާ ސަރުކާރުން މިރޭ އާއްމު ކުރި މައުލޫމާތައް ބަލާއިރު އެގައުމުން މިއަދު މަރުވި މީހުންގެ ތެރެއިން 119 މީހުނަކީ ފިރިހެނުންނެވެ. މަރުވި އަންހެނުންގެ އަދަދަކީ 79 އެވެ. މަރުވި މީހުންގެ ތެރެއިން 52 މީހުންނަކީ އުމުރުން 59 އަހަރުން ދަށުގެ މީހުންނެވެ.

ލަންކާ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 7948 އަށް އަރައެވެ.

މިއަދު ލަންކާ އިން 4483 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު ލަންކާ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު އެގައުމުގައި ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު ބައިލައްކަ އާއި ގާތް ކުރެއެވެ.

ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވުމުން މިހާރު ވަނީ ފުރަބަންދު ކޮށްފައެވެ. ލަންކާ ފުރަބަންދު ކުރީ ދިހަ ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ގައުމުގެ ހާލަތު ރަނގަޅު ވަމުން ނުދާނަމަ ފުރަބަންދުގެ މުއްދަތު އިތުރު ކުރަން ޖެހޭނެ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާއިއެކު ލަންކާގެ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައެވެ. ލަންކާގެ ހުރިހާ ހޮސްޕިޓަލެއް ކޮވިޑް ފެސިލިޓީތަކަށް ބަދަލު ކޮށްފައި ވީނަމަވެސް އަދިވެސް ބަލި މީހުންގެ އަދަދަށް ބަލާއިރު ހޮސްޕިޓަލްތަކުން ޖާގަ ނުލިބޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު