ކޮވިޑް-19 ފެތުރެން ފެށުމާއިއެކު އެންމެ އާއްމުކޮށް ފެންނަން ފެށި އެއްޗަކީ ސިއްހީ ހިދުމަތްތެރިން ލައިގެން ތިބޭ މެޑިކަލް ސޫޓެވެ. ނަމަވެސް އެއްކޮށް ބަންދުވެފައި ހުންނަ އެސޫޓްގައި އެންމެ ގަޑިއެއްގެ އިރު ހޭދަކުރުން ވެސް ވެފައި އޮންނަނީ ވަރަށް ތަކުލީފް ބޮޑު ކަމަކަށެވެ. ގިނަ ތަކުލީފްތަކަކާއި އެކުވެސް މެޑިކަލް ސޫޓްގައި ސިއްހީ ހިދުމަތްތެރިން ގިނަ ވަގުތުތައް ހޭދަކުރަމުން އައުމަކީ ސިއްހީ ހިދުމަތްތެރިން ވަމުން އަންނަ ވަރަށް ބޮޑު ގުރުބާނީއެކެވެ.

ކޮންމެއަކަސް މެޑިކަލް ސޫޓްތައް ލައިގެން ތިބޭއިރު އުފުލަން ޖެހޭ ތަކުލީފްތައް ކުޑަކުރުމަށް އެކި ގައުމުތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގައި ޗައިނާ އިން މިހާރު ވަނީ ފާހަގަ ކޮށްލެވޭ ވަރުގެ ބޮޑު ކާމިޔާބެއް ހޯދާފައެވެ. ޗައިނާ އިން ވަނީ މުޅީން އައު މެޑިކަލް ޕްރޮޓެކްޓިވް ސޫޓެއް ތައްޔާރުކޮށްފައެވެ.

މިހާރު ޢާއްމުކޮށް ބޭނުންކުރާ ސޫޓުން އުފައްދާ ހޫނުގެ އަސަރު މި އައު ސޫޓަކުން ނުއުފައްދާނެއެވެ. ސޫޓްގައި ބޭނުންކޮށްފައިވާ އެއަރ ފިލްޓަރގެ ސަބަބުން 26 އާއި 29 ޑިގްރީ ސެލްސިއަސް އާއި ދެމެދަށް ހޫނު މަޑުކޮށްދޭނެއެވެ.

ޗައިނާ އިން އުފެއްދި ސޫޓް މިހާރު ޗައިނާގެ ސިއްހީ ހިދުމަތްތެރިން ވަނީ ބޭނުން ކުރަން ވެސް ފަށާފައެވެ. ނަމަވެސް މިސޫޓް އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަން ފަށާނެ އިރެއް އަދި ޗައިނާ އިން އިއުލާނެއް ނުކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ބޭނުންވި މާސްކާއި މެޑިކަލް ސޫޓާއި އެހެނިހެން ސިއްހީ ސާމާނު ވެސް އެންމެ ގިނައިން އުފައްދާ، ގައުމުތަކަށް ފޯރުކޮށްދިން ގައުމަކީ ޗައިނާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރުދާރު

    ހަހަ ޗައިނާ މީ ގަދަ ބައެއް