ނުރައްކާތެރި ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިން ނުޖަހާ އެމެރިކާގެ ފަތުރުވެރިންނަށް ފްރާންސަށް ނުދެވޭ ގޮތް ހަދައިފިއެވެ.

އެމެރިކާ ފަތުރުވެރިންގެ ތެރެއިން ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ފްރާންސަށް ނުދެވޭ ގޮތް ހަދާފައި ވަނީ ފްރާންސް ސަރުކާރުންނެވެ.

ޔޫރަޕިއަން ޔޫނިއަންގެ ރައްކާތެރި ގައުމުތަކުގެ ލިސްޓުން އެމެރިކާގެ ނަން ނަގާފައިވާ އިރު ފްރާންސް ސަރުކާރުން ބުނީ މި މަހުގެ 12 ގެ ފަހުން އެ ގައުމަށް ވެކްސިން ނުޖަހާ އެމެރިކާ ފަތުރުވެރިންނަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.

ފްރާންސް ސަރުކާރުން ބުނީ އެ ގައުމަށް ދަތުރުކުރާ ފަތުރުވެރިންނަށް ހަމައެކަނި އެ ގައުމަށް އެތެރަވުމަށް ހުއްދަދެވޭނީ ޔޫރަޕިއަން މެޑިސިން އެޖެންސީ އިން ގަބޫލުކުރާ ހަތަރު ވެކްސިން ޖަހަފާއިވާނަމައެވެ. އެއީ ފައިޒާ، މޮޑާނާ، އެސްޓްރާޒެނެކާގެ އިތުރުން ޖޮންސަން އެންޑް ޖޮންސަން ވެކްސިނެވެ.

ޔޫއެސްއޭ ޓުޑެއި އިން ރިޕޯޓުކުރާގޮތުގައި ފަތުރުވެރިން ފިޔަވައި މުހިންމު ބޭނުންތަކަށް ފްރާންސަށް އެތެރަވާންޖެހޭ ފަރާތްތަކަށް އެ ގައުމަށް އެތެރެވެވޭނީ ޕީސީއާރް ސުންކު ނަގައި ނައްސިވެފައިވާ ނަމައެވެ. އަދި އެފަރާތްތަކުން އެ ގައުމަށް ގޮސް ހަތް ދުވަސްވަންދެން އެކަހެރިވެގެން ތިބެން ޖެހޭނެއެވެ.

ފަތުރުވެރިންގެ އެންމެ ބޮޑު އެއް މަންޒިލުގެ ގޮތުގައި ފްރާންސް ހިމެނޭއިރު ކޮވިޑް އިން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އެ ގައުމުގައި އަޅައިފައެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކޮށް ނުވަތަ ކޮވިޑްގެ ނައްސި ސުންކެއް ނެތި ރެސްޓޯރެންޓުތަކަށް، ރޭލުތަކަށް، ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އައިފަލް ޓަވަރާއި ހިސާބަށްވެސް ނުދެވޭނެއެވެ.

އެމެރިކާގައި އަދިވެސް ކޮވިޑް-19 ހަލުވިކަމާއި އެކީ ފެތުރެމުންދާއިރު އެ ގައުމުން ދުވާލެއްގެ މައްޗަށް ތިންލައްކައެއްހާ މީހުން ބައްޔަށް ފައްސިވެއެވެ.