ރަޝިއާގެ މަތިންދާބޯޓެއް ޓަޓާސްޓަން ސަރަހައްދަށް ވެއްޓި، 17 މީހަކު މަރުވެއްޖެއެވެ.
ރަޝިއާގެ މަތިންދާބޯޓު ވެއްޓިފައި ވަނީ އިއްޔެ ހެނދުނު 9:23 ހާއިރުއެވެ. ބޯޓު ވެއްޓުން އިރު މި ބޯޓު ދަތުރުކުރަމުންދިޔައީ 20 ފަސިންޖަރުންނާއެކު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ދެ ފަޅުވެރިއަކު ބޯޓުގައި ތިބި ކަމަށް ބުނެފައިވެއެވެ.
ބޯޓު ވެއްޓުނު ހާދިސާގައި 17 މީހަކު މަރުވެ، އިތުރު ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް މިނިސްޓްރީއިން ބުނެއެވެ.
"ހަ މީހުން ވަނީ ސަލާމަތް ކުރެވިފައި. 16 މީހެއްގެ ހަށިގަނޑު ހޯދުން އިރު ހަރަކާތެއް ނެތް" އެމަޖެންސީސް މިނިސްޓްރީއިން ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވެއެވެ.
އެ މަތިންދާބޯޓު ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި އެނގިފައި ނުވާކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޓަޓާސްތަންގެ ގަވަރުނަރު ރުސްތާމް މިނިކަނޯވް ވިދާޅުވީ ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓުން އެ ބޯޓުގެ އިންޖީން ފެއިލްވެފައިވާ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އެމަޖެންސީގައި ބޯޓު ޖެއްސުމުގެ މަސައްކަތް ކޮށްފައިވާއިރު، ކައިރި ސަރަހައްދެއްގައި މީހުން ނޫޅޭ ތަނަކަށް ބޯޓު ޖެއްސުމަށް ޕައިލެޓުން އިސްކަން ދީފައިވެއެވެ.
ނަމަވެސް، އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.
ރަޝިއާގެ ބޯޓުތައް ވެއްޓުން ވަނީ އާންމު ކަމަކަށް ވެފައެވެ. އެގޮތުން މިދިޔަ މަހުވެސް ރަޝިއާގެ މަތިންދާ ބޯޓެއް ވެއްޓި ހަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މިފަދަ އެކްސިޑެންޓްތަކުން ރައްކާތެރިވުމަށާއި، އެފަދަ ހާދިސާތައް ހިނގުން މަދުކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމަށް އެގައުމުގެ އޭވިއޭޝަނުން ބުނެފައިވެއެވެ.