އިންޑޮނޭޝިއާގެ ބާލީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާގޮތުން މި ބިންހެލުން އައިސްފައިވަނީ 4.8 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

ބާލީގެ ސާޗް އެންޑް ރެސްކިއު ސާވިސްގެ އިސްވެރިޔާ ޖީޑީ ޑަރްމާދާ ވިދާޅުވީ އެ އެޖެންސީން ބިންހެލުމާއި ގުޅިގެން ލިބިފައިވާ ގެއްލުމުގެ މައުލޫމާތުތައް އެއްކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުން އަނިޔާވި މީހުންގެ ތެރޭގައި ހަށިގަނޑުގެ ބައެއް ކަށިތައް ބިނދިފައިވާ މީހުންނާއި، ބޮލަށް އެކި ވަރުގެ ގެއްލުން ވެފައިވާ މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ބަންޖަރް ވަނަސަރީ އަވަށުގެ އިރުއުތުރުން އޮންނަ ބާލީއަށް 4.8 މެގްނިޓިއުޑް ބާރު މިނުގައި ބިންހެލުން އައީ 10 ކިލޯމީޓަރު އަޑިންނެވެ. ބިމުގެ މާ އަޑި ނޫން ހިސާބަކުން އަންނަ ބިންހެލުންތަކުގައި ލިބޭ ގެއްލުން އާއްމުކޮށް ބޮޑެވެ.

ރެސްކިއު ޓީމުގެ އޮފިޝަލުން ބުނީ ބަންގްލީ ރެޖެންސީގައި ބިންހެލުން އައުމާއެކު ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ގެޔަކަށް ފަސް އެޅި ދެ މީހުން މަރުވި ކަމަށެވެ. ތިން ވަނަ މީހާ މަރުވީ ކަރަންގަސެމް ޕޯޓް އަވަށުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބާލީ އަށް ބިންހެލުމެއް އައިސްފައި ވާއިރު، ކޮވިޑް-19 އާއި ގުޅިގެން އިންޑޮނޭޝިއާގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދަނީ ލުއި ދެމުންނެވެ. އެގޮތުން، އެ ރަށް މިހާރު ދަނީ މަޑުމަޑުން ބޭރުގެ ފަތުރުވެރިންނަށް ހުޅުވާލަމުންކަން ފާހަގަ ކޮށްލެވެއެވެ.