އިންޑިއާގެ ވެރިރަށް ދިއްލީއާއި، ކައިރި ސިޓީތަކުގައި ވައި ތަގައްޔަރުވެފައިވާތީ ދިއްލީގެ ސްކޫލްތައް ބަންދު ކޮށްފިއެވެ.

އިންޑިއާގެ ކަމާއި ބޭހޭ އިދާރާތަކުން ބުނެފައިވަނީ ސްކޫލްތައް ބަންދު ކޮށްފައިވަނީ ހަފްތާއެއްގެ މުއްދަތަށް ކަމަށާއި އެކަން ކޮށްފައިވަނީ ވައި ތަގައްޔަރުވެފައިވާ މިންވަރު ރަނގަޅުނުވާތީ މީހުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

"ސްކޫލްތައް ބަންދު ކުރާނެ. އޭރުން ކުދިންނަށް ތަގައްޔަރުވެފައިވާ ވައިގެ އަސަރެއް ނުކުރާނެ" ޗީފް މިނިސްޓަރ އަރުވިންދް ކެޖްރިވަލް ބުންޏެވެ.

ދިއްލީގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނާއި އަމިއްލަ ވިޔަފާރިތައް ކުރާ ފަރާތްތަކުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ދިއްލީއަކީ މުޅި ދުނިޔެއިން ވެސް ވައި ތަގަރައްޔަރުވެފައިވާ ސިޓީތަކުގެ އެއްވަނަގައި ހިމެނޭ ސިޓީއެވެ. ވިހަ ގޭސްތައް ދޫވެ، މީހުންގެ ފުރާނައަށް ނުރައްކާވާ ހާލަތްތައް ވެސް އާދެއެވެ.

ދިއްލީގެ ވައި ތަގައްޔަރު ވެފައިވާ މައްސަލަ ހައްލު ކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ވެސް ދާދިފަހުން ވަނީ މައި ސަރުކާރަށް އަމުރު ކޮށްފައެވެ. އެގޮތުން ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ނުރައްކާތެރި މިންވަރަކަށް ދިއްލީގެ ވައި ތަގައްުޔަރު ވެފައިވާ ކަމަށެވެ. އަދި އެއީ މުއްދަތު ދިގުލައިގެންދާ ކަހަލަ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި މިހާރުން މިހާރަށް ހައްލުކުރަން ޖެހިފައިވާ މައްސަލައެއްކަމަށް ވެސް ބުނެފައިވެއެވެ.

ދިއްލީ ގެ ވައިގެ ތެރެއަށް ނޭވާލުމަކީ "ދުވާލަކު 20 ސިގަރެޓް ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަމެއް" ކަމަށް އެ ސްޓޭޓްގެ ސަރުކާރުން ކޯޓުގައި އިއުތިރާފުވެ ބުނެފައިވެއެވެ. ޕަންޖާބާއި ހަރިޔާނާ ހިމެނޭ ގޮތަށް އެ ސެންޓަރާއި ސްޓޭޓްތަކާއި ދެމެދު މިއަދު ފަހުގެ ވަގުތެއްގައި ކުއްލި ބައްދަލުވުމެއް ބާއްވާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވައި ތަގައްޔަރުވުން އިތުރުވަމުންދާއިރު، ސެންޓުރަލް ޕޮލިޔުޝަން ކޮންޓުރޯލް ބޯޑުން ވަނީ ނިޔު ދިއްލީގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވުމަށް އަންގައިފައެވެ. އެގޮތުން، އެ ވުޒާރާއިންވަނީ ނުރައްކާތެރި މިންވަރަކަށް ދިއްލީގެ ވައި ތަގައްޔަރުވެފައިވާކަން ފާހަގަކޮށް މީހުން ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ހާލަތު އިތުރަށް ގޯސްވާނަމަ، ކުށްލި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެކަން ފާހަގަކޮށް ގޭގައިވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސް ކޮށްފައިވެއެވެ.