ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ އެންމެންނަށް އިންޑިއާއަށް ދަތުރުކުރެވޭނެހެން އެ ގައުމުގެ ބޯޑަރު ހުޅުވާލައިފިއެވެ.

ފަތުރުވެރިންނަށް ދަތުރުކުރެވޭނެހެން އިންޑިއާ ހުޅުވާލާއިރު، އެ ފުރުސަތު ދެމުން ގެންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ އެ ގައުމު ހުޅުވާލައިފައިވަނީ ޗާޓާޑް ފްލައިޓްތަކުގައި ދަތުރުކުރާ ފަތުރުވެރިންނަށެވެ. އަދި އިއްޔެ އެ ގައުމުން ވަނީ ކޮމާޝަލް ފްލައިޓުތަކުގައި ދަތުރުކުރާ ފަތުރުވެރިިންނަށް ހުޅުވާލައިފައެވެ.

ޗާޓަރު ފްލައިޓްތަކުގައި ފުރިހަމައަށް ވެކްސިން ދީފައިވާ ފަތުރުވެރިންނަށް އެތެރެވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުން ފެށިގެންނެވެ.

އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ފަތުރުވެރިންނަކީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވާން ޖެހޭނެ ކަމަށެވެ. އަދި ދަތުރުކުރާތާ 72 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކޮށް ނައްސި ނަތީޖާ އޮންނަން ޖެހެއެވެ. އަދި އިންޑިއާއަށް އެތެރެވުމަށްފަހު ވެސް ފަތުރުވެރިން ކޮވިޑް ޓެސްޓު ހަދަން ޖެހެއެވެ.

ނަމަވެސް، ބައެއް ގައުމުތަކުގެ ފަތުރުވެރިންނަށް ލުއި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއް ހިމެނެއެވެ. މި ގައުމުތަކުގެ ފަތުރުވެރިން އިންޑިއާއަށް ދަތުރުކުރާނަމަ ކޮވިޑަށް ޓެސްޓް ކުރަން ނުޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއަށް ދަތުރުކުރާ ފަތުރުވެރިން އިތުރުކޮށް، ޝައުގުވެރި ކުރުމުގެ ގޮތުން އަންނަ މާޗް މަހުގެ ނިޔަލަށް 500،000 ފްރީ ވިސާ ދޫކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ރާވާފައެވެ.

މިއީ މިދިޔަ އަހަރުގެ މާޗު މަހު އެ ގައުމަށް އައި ކޮވިޑުގެ ހާލަތަށްފަހު ކޮމާޝަލް ފްލައިޓްތަކުން ޒިޔާރާތްކުރާ ބޭރުގެ ފަތުރުވެރިންނަށް އިންޑިއާ ހުޅުވާލި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު