މިޞްރުގެ ބިމެއްގެ އަޑީގައި ވަޅުލާފައި އޮތް ބޮޑު ސަންދޯކެއް ފެނިއްޖެއެވެ. ޤަބުރަކާއެކު ވަޅުލާފައި އޮތް މި ސަންދޯއް ފެނިފައިވަނީ އެޤައުމުގެ އިސްކަންދަރިއްޔާ އިންނެވެ.

ބައިނަލްއަޤުވާމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ފެނުނު ސަންދޯކުގެ ދިގު މިނުގައި ގާތްގަނޑަކަށް ނުވަ ފޫޓު ހުންނާނެއެވެ. އަދި، އެސަންދޯއް އޮތީ އެސަރަޙައްދުގެ ބިމުގެ ފަށަލައިގެ 16 ފޫޓު ދަށުގައި ވަޅުލާފައިކަމަށްވެސް، ކަމާ ބެހޭ ފަރާތްތަކުން ދިން މައުލޫމާތުގެ އަލީގައި ނޫސްތަކުން ބުނެފައިވެއެވެ.

މި ސަންދޯއް ދިރާސާކުރުމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި، ވަޅުލި ފަހުން މި ސަންދޯއް ހުޅުވާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި، މި ސަންދޯއް ވަޅުލާފައިވަނީ މީގެ 2000 އަހަރުކުރިން ކަމުގައި ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. އެޒަމާނަކީ ޓޮމަލައިކް ޒަމާންކަމަށްވެސް، މީޑިޔާ އަށް މައުލޫމާތު ދިން ތަޖުރިބާކާރުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ބައިނަލްއަޤުވާމީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، މީގެ ދެ ހާސް އަހަރު ކުރިން ވަޅުލާފައިވާ މި ބޮޑު ސަންދޯއް ފެނިފައިވަނީ، އިސްކަންދަރިއްޔާގެ އެ ސަރަޙައްދުގައި، ތާރީޚީ ކަންކަން ބެލުމަށްޓަކައި ބިމުގެ ސަރަޙައްދު ކޮންނަމުން ދަނިކޮށެވެ. އަދި، އެކަން ކުރަމުން ދިޔައީ މިޞްރުގެ ތާރީޚީ ތަކެއްޗާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންކަމަށްވެސް ބުނެފައިވެއެވެ.

އިސްކަންދަރިއްޔާގެ ބިމުގެ ސަރަޙައްދެއް ކޮނުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ތަޖުރިބާކާރުން ޓީމުން ބުނެފައިވާ ގޮތުގައި، ސަންދޯކާއެކު އެތަނުން އެހެން އެއްޗެއްވެސް ފެނިފައިވެއެވެ. އެފަރާތްތަކަށް ފެނިފައިވަނީ މީހެއްގެ ބޮލެއް ސިފަވާ ގޮތަށް ހަދާފައިވާ ބުދެކެވެ. މި ބުދަކީ ސަންދޯކުގެ ތެރެއަށް ލައިފައި އޮތް މީހެއްގެ މޫނާއި ބޯ ކަމަށްވުން އެކަށީގެންވާކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެއީ ކާކުކަން ދެނެގަތުމަށް އަދި އެއްވެސް ތަހުލީލެއް ކޮށްފައި ނުވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މީގެކުރިން މި އަހަރުގެ މެއި މަހުގެ ތެރޭގައިވެސް މިޞްރުން ވަނީ މިފަދަ އެއްޗެއް ފެނިފައެވެ. އެޤައުމަކީ، މިފަދަ ތާރީޚީ އެއްޗެހި ގިނަ އަދަދަކަށް ހުންނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.