ކޮވިޑް-19 ގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮން ވޭރިއަންޓްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ދެކުނު އެފްރިކާގެ ސަރަހައްދެއްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2 އަހަރުން ދަށުގެ ތުއްތު ކުދިން ހޮސްޕިޓަލުގައި އެނދުމަތިކުރާ މިންވަރު އިތުރުވެ، މި ވޭރިއަންޓުގެ ސަބަބުން ކުޑަ ކުދިންނަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އުފެދިއްޖެއެވެ.

ދެކުނު އެފްރިކާ ސަރުކާރުގެ އެންމެ އިސް މެޑިކަލް އެޑްވައިޒަރަކު ހުކުރު ދުވަހު ވިދާޅުވީ، އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އުމުރުން 5 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން ހޮސްޕިޓަލުތަކުގައި އެނދުމަތިކުރާ މިންވަރު އާދަޔާ ހިލާފަ އިތުރުވެފައިވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ޓްޝްވާނޭ މެޓްރޯ ސިޓީގައި، ދެ ހަފްތާ ތެރޭގައި ކޮވިޑާއި ގުޅިގެން 5 އަހަރުން ދަށުގެ 100 އަށް ވުރެ ގިނަ ކުދިން ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްފައިވާ ކަމަށެވެ.

ދެކުނު އެފްރިކާގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިއުނިކަބަލް ޑިޒީޒަސް (އެންއައިސީޑީ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޓްޝްވާނޭގައި އެޑްމިޓްކޮށްފައިވާ 452 މީހުންގެ ތެރޭގައި 2 އަހަރުން ދަށުގެ 52 ތުއްތު ކުދިން ވެސް ހިމެނެއެވެ.

ދެކުނު އެފްރިކާގެ ސައިންސްވެރިން ބުނާ ގޮތުގައި އޮމިކްރޮން ވޭރިއެންޓާއި، ތުއްތު ކުދިން ހޮސްޕިޓަލުގައި އެނދުމަތި ކުރުމާއި ގުޅުމެއް އޮތްކަމެއް އަދި ކަށަވަރެއް ނޫނެވެ. މި ކުދިންނަކީ ނޭވާލާ ނިޒާމުގެ ބަލިތަކުގެ އަލާމާތްތައް ފެންނަ ތުއްތު ކުދިންނަށްވާއިރު، މި ކުދިންނަށް ފަރުވާދެމުން ދަނީ ކޮވިޑް ވޭދަނައެއްގެ ގޮތުގައެވެ. ނަމަވެސް، މި ކުދިންނަކީ އަރިދަފުސް ރޯގާ ފަދަ އެހެން ބައްޔެއް ގައިން ގަޔަށް އަރާ ބައްޔަކަށް ވެސް ވެދާނެއެވެ.