ޗައިނާގެ ޒިންޖިއާންގައި ތިބި އުއިގާ މުސްލިމުންނަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އދ. އިން ހާމަކޮށްފިއެވެ.

އދ. ގެ ތަރުޖަމާނު ރުޕަރޓް ކޮލްވިލްވިދާޅުވީ އުއިގާ މުސްލިމުން ގަވާއިދާ ޚިލާފަށް ބަންދުކޮށް، އެމީހުންނާ މެދު އިހާނެތިކޮށް ކަންތައްކޮށް، ވަޒީފާ އަދާކުރަން މަޖުބޫރުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެމީހުންގެ ހާލަތު ދެނެގަތުމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން އެސެސްމަންޓް ފައިނަލް ކުރަމުން އަންނަ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރިޕޯޓް ޝާއިއުކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ޗައިނާގެ އޮފިޝަލުންނާއެކު ކުރިއަށް ގެންދެވި ދިގު މަޝްވަރާތަކުގައި ބިނާކުރަނިވި ހައްލެއް އައުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު އިނގިރޭސި ވިލާތުގެ ނުރަސްމީ ޓްރައިބިއުނަލް އޮފް ލޯޔަރުންނާއި ކެމްޕޭން ކުރާ ފަރާތްތަކުން ބުނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަކީ ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކު އެންމެ ބޮޑު ޒިންމާއެއް ނަންގަވަންޖެހޭ ބޭފުޅާ ކަމަށެވެ.

ޗައިނާއިން މީގެ ކުރިން ބުނެފައިވަނީ، ހުޅަނގުގެ ބާރުތަކުން މަސައްކަތް ކުރަނީ ޒިންޖިއާންގައި މައްސަލަތަކެއް އުފައްދައިގެން، ޗައިނާގެ ނަން ކިލަނބު ކުރުމަށް ކަމަށެވެ.

ޗައިނާގެ އުއިގާ މުސްލިމުންގެ އާބާދީ މިލިއަނަކަށް ވުރެ ގިނަ އިރު، ޒިންޖިއާންގައި ތިބި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ކޭމްޕުތަކަކަށް ބަދަލުކޮށްފައެވެ. މުސްލިމުން އެ ތަންތަނަށް ބަދަލުކޮށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފައިވާ އިރު، ދާދި ފަހުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް މި ކަންބޮޑުވުން ފާޅުކުރިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާ އިން ގިނަ އަދަދެއްގެ އުއިގާ މުސްލިމުން ޑިޓެންޝަން ކޭމްޕްތަކުގައި ގެންގުޅެއެވެ. ޗައިނާ އިން ބުނަނީ އެމީހުން ގެންގުޅޭ އެ ތަންތަނަކީ ތައުލީމް ފޯރުކޮށްދިނުމަށް ހިންގާ ތަންތަން ކަމަށެވެ. އަދި ބޭނުމަކީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި ނިރުބަވެރި ހަރަކާތްތައް ހިންގުން ހުއްޓުވުން ކަމަށް ޗައިނާ އިން ބުނެއެވެ.

އެމްނެސްޓީން ދާދި ފަހުން ވަނީ ޗައިނާގެ މުސްލިމުން ގެންގުޅެމުން އަންނަ ހުރިހާ ކޭމްޕެއް ބަންދު ކުރަން ގޮވާލައިފައެވެ. އަދި އދ. އިން މި ކަން ތަހުގީގުކޮށް މިކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނު ހިންގުމަށް ވެސް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮންޑް

    ކަޝްމީރު ކޮބާ،ފަލަސްތީން ކޮބާ،ބަރުމާ މީހުން ކޮބާ

    7
    2
  2. އަލީ

    އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގެ ޖަލުގައި ނުހައްގުން ހައްޔަރުކޮށްފައިވާ މުސްލިމުންގެ ހާލަތު ނުބަލަނީ ކީއްވެ؟ ފަރަންސޭސިވިލާތުގައި މުސްލިމުންނަށް ކުރާ އަނިޔާތައް ނުހުއްޓުވަނީ ކީއްވެ؟

    7
    2
  3. ޏަން

    ޢެންމެންގެ ލޯކުރިމަތީ ހާމައިގަ އިސްލާމުންނަށް އަނިޔާކުރާ ފަލަސްތީނުގެ ރައްތުންނެތް ނުފެންނާނެ...
    މިއީ ކޮންމހެން މުސްލިމުންނަށް ހަމްދަރުދީ ވެގެންނެތް ނޫން..ޗައިނާ ގަދަކުރާރީ ކޮންމެސް ކަމެއްހޯދަނީ

    2
    2