ޗައިނާގެ ހުޅަނގުގެ ޝިންޖިއާން ސަރަހައްދުގައި ދިރިއުޅޭ އުއިގާ މުސްލިމުންނާ ދެކޮޅަށް ސަރުކާރުން ހިންގާ ހަރުކަށި އަމަލުތައް އިތުރުވަމުންދާ ކަމަށް ބުނެ އެމެރިކާގެ ހޮލޮކާސްޓް މެމޯރިއަލް މިއުޒިއަމް އިން ރިޕޯޓެއް އާންމުކޮށްފިއެވެ.

އެ ޖަމިއްޔާ އިން ނެރުނު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އުއިގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާފާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އުއިގާ މުސްލިމުންނަށް ދެމުން އަންނަ އަނިޔާތައް މި ރިޕޯޓުގައި ކުށްވެރިކޮށްފައިވެއެވެ.

ރިޕޯޓުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ އަނިޔާތަކުގެ ތެރޭގައި ދަރިމައިވުން ހުއްޓުވުމާއި ޖިންސީ އަނިޔާ ކުރުމާއި އަޅުވެތިކޮށް މަޖުބޫރުކޮށްގެން ގެންގުޅުމާއި އެކިއެކި އަނިޔާ ކުރުން ހިމެނެއެވެ.

އިންސާނިއްޔަތާ ދެކޮޅަށް މީގެ ކުރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖަރީމާތައް އިތުރުވަމުން އަންނަ ކަމަށް ގަބޫލު ކުރުމުގެ "އެކަށީގެންވާ އަސާސެއް" މިހާރު އެބައޮތް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދޭ ހެކިބަހާއި، ފާޅުގައި ލިބެން ހުރި މައުލޫމާތުތަކާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދޭ މައުލޫމާތުގެ މައްޗަށް އެކުލެވޭ މި ރިޕޯޓަށް އެތައް ޖަމިއްޔާއަކުން ވަނީ ބަލާފައެވެ.

ޗައިނާގެ އުއިގާ މުސްލިމުންގެ އާބާދީ މިލިއަނަކަށް ވުރެ ގިނަ އިރު، ޒިންޖިއާންގައި ތިބި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ކޭމްޕުތަކަކަށް ބަދަލުކޮށްފައެވެ. މުސްލިމުން އެ ތަންތަނަށް ބަދަލުކޮށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފައިވާ އިރު، ދާދި ފަހުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް މި ކަންބޮޑުވުން ފާޅުކުރިއެވެ.

މި މައްސަލައިގައި އިނގިރޭސި ވިލާތުން ނެރުނު ބަޔާނެއްގައި ބުނީ ޒިންޖިއާންގެ ހާލަތާ މެދުގައި އެ ގައުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އެ ހާލަތު ބެލުމަށްޓަކައި ޒިންޖިއާން އަށް ހައި ކޮމިޝަނަރަކު ފޮނުވުމުގެ ފުރުސަތު ޗައިނާ އިން ދިނުމަށް ވެސް އެދިފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާ އިން ގިނަ އަދަދެއްގެ އުއިގާ މުސްލިމުން ޑިޓެންޝަން ކޭމްޕްތަކުގައި ގެންގުޅެއެވެ. ޗައިނާ އިން ބުނަނީ އެމީހުން ގެންގުޅޭ އެ ތަންތަނަކީ ތައުލީމް ފޯރުކޮށްދިނުމަށް ހިންގާ ތަންތަން ކަމަށެވެ. އަދި ބޭނުމަކީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި ނިރުބަވެރި ހަރަކާތްތައް ހިންގުން ހުއްޓުވުން ކަމަށް ޗައިނާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާހިރާ

    ޗައިނާ ސަރުކާރުން، އެތަނުގައި އުޅޭ ވީގަރ މުސްލިމުންނަށް ކުރަމުންގެންދާ ޖަރީމާތައް ހުއްޓާލުމަށްއެދި، ލަންޑަންގައިހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި ކުރި މުޒާހަރާގެ އެއްވެސް ޚަބަރެއް ނުލިޔާނަންތަ؟