އަންނަ އަހަރުން ފެށިގެން ސްރީލަންކާގައި އާންމުން އެއްވެ އުޅޭ ތަންތަނަށް ވަންނައިރު ކޮވިޑް-19 ވެކްސިން ސެޓްފިކެޓް ދެއްކުން މަޖުބޫރު ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެގައުމުގެ ޓޫރިޒަމް މިނިސްޓަރ ޕްރަސަންނަ ރަނަތުންގާ މިކަން އިއުލާން ކުރެއްވީ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން އެގައުމުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ ބަޔާނަކާ ހަވާލާދީ ރަނަތުންގާ ވިދާޅުވީ، އެ ނިންމުންތައް ތަންފީޒު ކުރުމުގެ އިންތިޒާމްތައް ސިއްހީ އޮފިޝަލުން ހަމަޖައްސަމުން ގެންދާނެ ކަމަށެވެ. މި އުސޫލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

މިދިޔަ އޭޕްރީލް މަހު ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑްގެ ތިންވަނަ ރާޅެއް އެ ގައުމަށް ކުރިމަތިވުމާއި ގުޅިގެން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ކޮވިޑްގެ ވޭދަނަތައް ލަންކާގައި އިތުރުވާން ފެށީ މިދިޔަ ޖުލައި މަހު އެވެ. ވޭދަނަތައް އިތުރުވުމާއި ގުޅިގެން އޮގަސްޓް 20 އިން އޮކްޓޯބަރު 1 އަށް އެގައުމު ވަނީ ފުރަބަންދު ކޮށްފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފުރަބަންދު އުވާލައި ގައުމު ވަނީ އާންމު ހާލަތަށް ގެނެވިފައެވެ. އަދި ސިނަމާތަކާއި ރެސްޓޯރަންޓްތަކާއި ކައިވެނި ޕާޓީތައް އަލުން ކުރިޔަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

ނަމަވެސް، އާންމު ތަންތަނުގައި މާސްކު އެޅުމާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން އަދިވެސް ދަނީ ތަންފީޒު ކުރަމުންނެވެ.

އަދި ޕަބްލިކް ޓްރާންސްޕޯޓްގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބޮޑެތި އެއްވުންތައް ބޭއްވުމަށް ވެސް ހުއްދަ ދީފައެއް ނުވެއެވެ.

2020 ވަނަ އަހަރުގެ މާޗް މަހު ފުރަތަމަ ވޭދަނަ ފެނުން ލަންކާއިން މިހާތަނަށް 580،000 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި 14،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.