ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ފައިޒާ ކުންފުނިން އުފެއްދި ބޭސް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭ އިން ދީފިއެވެ.

ޕެޒްލޮވިޑް ނަމަކަށް ކިޔާ މިބޭހަކީ ކޮވިޑް ޖެހޭ މީހުންނަށް ގޭގައި ވެސް ބޭނުން ކުރެވޭނެ ބޭހެކެވެ. މިބޭސް ބޭނުން ކުރާނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލަށް ގެންދަން ޖެހޭ ވަރަށް ބަލި ވުމުގެ ކުރިންނެވެ.

ޕެޒްލޮއިޑް ބޭސް ބޭނުން ކުރެވޭނީ ޑޮކްޓަރެއްގެ ބޭސްސިޓީއެއް އޮވެގެންނެވެ. އުމުރުން 12 އަހަރަށްވުރެ ދޮށި، ބަރުދަނުގައި މަދުވެގެން 40 ކިލޯ ހުންނަ ކޮވިޑަށް ފައްސިވެފައިވާ މީހުންނަށް ޑޮކްޓަރުން މިބޭސް ދޭނެއެވެ. ނަމަވެސް ބޭސް އަދި ދެމުން ދާނީ ކޮވިޑް ޖެހިއްޖެނަމަ ހާލު ދެރަވުމުގެ ފުރުސަތު ބޮޑު، ނުރައްކާތެރި ބައްޔެއް ހުންނަ މީހުންނަށް އެކަންޏެވެ.

މިދިޔަ ހަފްތާގައި ފައިޒާ އިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިބޭސް ބޭނުން ކުރުމުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ނުވަތަ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް %89 ކުޑަކޮށްދޭނެއެވެ.

ފައިޒާގެ ސީއީއޯ އަލްބާޓް ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑުން ދިފާއުވުމަށް ފައިޒާ އިން އުފެއްދި ބޭސް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭ އިން ދިނުމަކީ ކޮވިޑްގެ ބަލިމަޑުކަމުން ދުނިޔެ ސަލާމަތް ކުރުމަށް ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތައް އަނެއްކާވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ފައިޒާ އިން އުފެއްދި ބޭސް ޖަނަވަރީ މަހު ލިބެން ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އާއްމުކޮށް ބޭނުން ކުރެވޭ މިންވަރަށް މިބޭސް އުފައްދަން އަދި ދެތިން މަސް ދުވަސް ނެގުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު