ސްރީލަންކާގައި ފޭކް ފައިސާގެ ނޫޓްތަކެއް ދައުރު ކުރަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް އެގައުމުގެ ފުލުހުން އިލްތިމާސްކޮށްފިއެވެ.

ލަންކާ ފުލުހުން ބުނީ ފޭކް ނޫޓް ދައުރު ކުރުމުގައި އިސް ދައުރެއް އަދާކުރާ މީހުން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ލަންކާގެ ހަތަރު ސަރަހައްދަކުން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ ވެރިރަށް ކޮލަމްބޯގެ ހަތަރު ސަރަހައްދަކުންނެވެ. ފުލުހުން ހިންގި އޮޕަރޭޝަންގައި ވަނީ ފޭކް ނޫޓްތައް ޕްރިންޓް ކުރުމަށް ބޭނުން ކުރާ ޕްރިންޓަރުތަކެއް ވެސް ހޯދާފައެވެ.

މިމައްސަލައިގައި ބަޔަކު ހައްޔަރު ކުރިކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ހައްޔަރު ކޮށްފައި ވަނީ ކިތައް މީހުން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ލަންކާ ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ފާހަގަ ކުރެވުނު ގޮތުގައި ފޭކް ނޫޓް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ މީހުން ޕްރިންޓް ކޮށްފައި ވަނީ 5000 ރުޕީސްގެ ނޫޓާއި 1000 ރުޕީސްގެ ނޫޓެވެ. ނަމަވެސް އެހެން އަދަދުތަކުގެ ނޫޓްތައް ވެސް ދައުރު ކުރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ލަންކާ އަށް ވަނީ މިހާރު އިގްތިސޯދީ ބޮޑު ތަދުމަޑުކަމަކާއި ކުރިމަތިލާން ޖެހިފައެވެ. ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި ވާއިރު ބައެއް ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސޯދީ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން ގިނަ ޕްލޭންތަކެއް އިއުލާން ކޮށްފައި ވީނަމަވެސް އެޕްލޭންތައް ރަނގަޅަށް މަސައްކަތް ކޮށްފާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަންކާ

    ލަންކާ ރުފިޔާގެ ފުތޯ ގަޑެއް ލީނަމަަދޯ