ޗައިނާގެ ސިޓީއަކުން ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޯން ފެނުމުން އެ ސިޓީގެ ދެލައްކަ މީހުން އެކަހެރިވާން އަންގައިފިއެވެ.

ކޮވިޑްގެ އެންމެ ވޭދަނައެއް ފެނިގެން 200،000 އަށް ވުރެ ގިނަ މީހުން އެކަހެރިވާން އަންގާފައި ވަނީ ޗައިނާގެ ގުއާންގްޒީ ސަރަހައްދުގެ ޑޮންގްޝިންސިޓީގެ ރައްޔިތުންނެވެ. ކޮވިޑްގެ އާ ވައްތަރަށް އެ ސިޓީގެ ރައްޔިތަކު ފައްސިވުމާއި ގުޅިގެން ބުދަ ދުވަހުން ފެށިގެން އެ ސިޓީގެ ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް ވަނީ އަންގާފައެވެ.

އަދި ޑޮންގްޝިންސިޓީގެ ޕަބްލިކް ޓްރާންސްޕޯޓްގެ ހުރިހާ ކަމެއް ހުއްޓާލައި، އެ ސިޓީގެ ރައްޔިތުން ގޭގައި ތިބުމަށް އަންގާފައިވާއިރު އާންމުން އެއްވެއުޅޭ ގިނަ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ.

އެ ގައުމުގެ ސްޓޭޓް ބްރޯޑްކާސްޓަރ ސީސީޓީވީން ރިޕޯޓްކުރާ ގޮތުގައި އެ ސިޓީގައި ޓޫރިސްޓް ސައިޓްތަކާއި ސިނަމާތަކާއި މުނިފޫހިފިލުވުމުގެ އެހެން ތަންތަނާއި ޕްރައިމަރީ އަދި މިޑްލް ސްކޫލްތަކުގައި އިން-ޕާސަން ކްލާސްތައް ވަނީ ބަންދުކޮށްފައެވެ. އަދި އެ ސިޓީން ވަނީ ސިޓީގެ އެތެރެ ބަނދަރު މެދުވެރިކޮށް ދަތުރުވެރިންނާއި މުދާ ކްލިއާ ކުރުން ވެސް ފަސްކޮށްފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އެ ސިޓީގައި ވަނީ ކޮވިޑުގެ ޓެސްޓުތައް ހެދުމަށް ސުންކު ނެގުމަށް 39 ސްޓޭޝަނެއް ބަހައްޓައިފައެވެ.

ކޮވިޑް ހުއްޓުވުމަށް މި ހަރުކަށި ފިޔަވަޅުތައް އަޅާފައި މިވަނީ ބަލި ހުރިތޯ ދެނެގަތުމަށް ދުރާލާ ސުންކު ނެގުމުގެ ތެރޭގައި، ބަލީގެ އަލާމާތްތައް ފެނި މީހަކު ފައްސިވުމާއި ގުޅިގެންނެވެ.

އަލަށް ފެނުނު ކޮވިޑްގެ ވައްތަރާއި ގުޅިގެން ގިނަ ގައުމުތަކުން ވަނީ ބަލި ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    "އެ ގައުމުގެ ސްޓޭޓް ބްރޯޑްކާސްޓަރ ސީސީޓީވީން ރިޕޯޓްކުރާ ގޮތުގައި"... އިނގިރޭސިވިލާތުގެ ހަބަރުތަކުގަ ދުވަހަކުވެސް ނުފެނޭ އެގައުމުގެ ސްޓޭޓް ބްރޯޑްކާސްޓަރ ބީބީސީ ރިޕޯޓުކުރާގޮތުގައި" މިހެނެއް ނޯވޭ، އެކަމަކު ބީބީސީއަކީ އިނގިރޭސި ދައުލަތުގެ ޓީވީއޭ ހަމަ.

    • ކިނބޫ

      ޙިކުމަތްތެރި ވާހަކަ ކޮޅެއް.