ކޮންގޯގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ ކްރިސްމަސް ފާހަގަ ކުރުމަށް ކޮންގޯގެ އިރުމަތީ ސިޓީއެއް ކަމަށްވާ ބެނިގެ ރެސްޓޯރެންޓެއްގައި ތިބި ބަޔަކަށް އަމާޒު ކޮށްގެންނެވެ.

މި ހާދިސާ ހިނގުމުގެ ކުރިން ބޮން ގައިގައި ހަރުކޮށްގެން ދިޔަ މީހާ ރެސްޓޯރެންޓުގެ ސެކިއުރިޓީން މަޑު ކުރުވި ކަމަށާއި އެހެން ނަމަވެސް އޭރު އޭނާ ރަނގަޅަށް ބަލައި ފާސް ނުކުރެވޭތީ ރެސްޓޯރެންޓަށް ވަދެގެން ދިޔަ މަގުމަތީ ބޮން 'އެކްޓިވޭޓް' ކުރި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ބުނީ، މި ހާދިސާގައި ޖުމްލަ ހަ މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ބޮން ގޮއްވާލި މީހާ ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން 14 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެގައުމުގެ ސަރުކާރުގެ ތަރުޖަމާނު ޖެނެރަލް އެކެންގޭ ސީލްވައިން ބުނެފައިވަނީ އިސްލާމިކް ސްޓޭޓް އާއި ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ އެލައިޑް ޑިމޮކްރެޓިކް ފޯސަސް (އޭޑީއެފް) އިން ރައްޔިތުންނަށް އަމާޒުކޮށް ބައެއް ކަހަލަ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ބޮން ގޮއްވާލި ހާދިސާއަކީ އެމީހުންނާއި ގުޅޭ ހާދިސާއެއް ކަމުގެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާގެ ޒިންމާ އެ ޖަމާއަތުން އުފުލާފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު