އެމެރިކާގެ ނިއުޔޯކްގައި ހުންނަ އެޕާޓްމަންޓް ބިލްޑިންގެއްގައި އަލިފާން ރޯވެ 19 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނެއެވެ.

އަލިފާނުގެ ހާދިސާގައި ޒަހަމްވި 30 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި އެހެންކަމުން މިހާދިސާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި އަލިފާން ރޯވީ 19 ފަންގިފިލާއަށް ހަދާފައި ހުރި އެޕާޓްމަންޓް ބިލްޑިންގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާގައެވެ. ފަންގިފިލާތަކުގެ ދޮރުތައް ހުޅުވާފައި ހުރުމުން އަލިފާންގަނޑު ވަރަށް ފަސޭހައިން އެހެން ފަންގިފިލާތަކަށް ފެތުރިގެން ދިޔަ ކަމަށް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އޮފިޝަލުންނާއި ހަވާލާދީ ޑިޕާޓްމަންޓްގެ ޗީފް ވިދާޅުވިއެވެ.

"އެއްފަންގިފިލާއިން އަނެއް ފަންގިފިލާއަށް ދިއުމަށް ބޭނުންކުރާ ސިޑި ކައިރީގައި ހުންނަ ދޮރަކީ އަބަދުވެސް ލައްޕާފައި ހުންނަން ޖެހޭ ދޮރެއް. ނަމަވެސް ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ދޮރުތައް ހުރީ ހުޅުވިފައި. އެހެންވުމުން އަލިފާންގަނޑު ވަރަށް ފަސޭހައިން ފެތުރިގެން ދިޔަ." އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ޑިޕާޓްމަންޓްގެ ޗީފް ނިގްރޯ ވިދާޅުވިއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ބެލެވެނީ އަލިފާން ރޯވީ އިމާރާތުގައި ހުރި ހީޓަރެއްގައި އަލިފާން ރޯވެ، އެއަލިފާންގަނޑު ފެތުރުމުގެ ސަބަބުންނެވެ. އިމާރާތުގެ ފަޔާ އެލާމް ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އެކަން ވެސް ތަހްގީގުގެ ތެރޭގައި ބަލަމުން ގެންދާނެ ކަމަށެވެ.

މިއީ ނިއުޔޯކްގައި ފާއިތުވި 30 އަހަރު ތެރޭގައި ހިނގި މިފަދަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.