ސްރީލަންކާގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ ރަސްމީ ބައްދަލުވުންތަކުންނާއި ސިޔާސީ އެއްވުންތަކުން "ގެއްލިއްޖެ" ކަމަށާއި ބޮޑުވަޒީރަށް ދިމާވެގެން އުޅޭ ކަމެއް ސަރުކާރުން ރަސްމީކޮށް ސާފުކޮށް ނުދޭކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ލަންކާގެ ސިޔާސީ މަސްރަހުގައި ފާއިތުވި ވިއްސަކަށް އަހަރު އެންމެ ނުފޫޒުގަދަ ބޭފުޅާގެ ގޮތުގައި ހުންނެވި ރާޖަޕަކްސަ މިހާރު ބައްދަލުވުންތަކުން ނުފެންނަނީ ސިއްހީ މައްސަލައެއް ދިމާވެ، އޮޕަރޭޝަނެއް ކުރައްވައިގެން އަރާމު ކުރައްވާތީ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ނަމަވެސް ރާޖަޕަކްސަގެ ދަރިކަލުން އަދި ލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ. ރާޖަޕަކްސަ އޮޕަރޭޝަނެއް ކުރެއްވި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ނަމަށް ނަމާލް ވިދާޅުވިއެވެ.

ނަމާލް އެހެން ވިދާޅުވެފައި ވަނިކޮށް އިއްޔެ ލަންކާގެ ގަމްޕޯލާ ސަރަހައްދުގައި އޮތް ބައްދަލުވުމުގައި ޗަމަލް ރާޖަޕަކްސަ ވިދާޅުވީ އެއިވެންޓަށް ބޮޑުވަޒީރަށް ވަޑައިނުގެންނެވީ އޮޕަރޭޝަނެއް ކުރައްވައިގެން އަރާމު ކުރެއްވުމަށް މަޑުކުރައްވަން ޖެހިވަޑައިގެންނެވުމުން ކަމަށެވެ. ޗަމަލް ރާޖަޕަކްސަ އަކީ ރާޖަޕަކްސަގެ އާއިލާގެ އެންމެ ދޮށީ މެންބަރެވެ. އޭނާ އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ވެސް މެއެވެ.

ބޮޑުވަޒީރުގެ ހާލަތާއި ގުޅޭ ގޮތުން ނަމާލް އާއި ޗަމަލްގެ ވާހަކަތައް ތަފާތު ވުމުން އަނެއްކާވެސް ވަނީ އިތުރަށް ސުވާލު އުފެދިފައެވެ.

ރާޖަޕަކްސަގެ އާއިލާ އިން 2019 ވަނަ އަހަރު އަލުން ލަންކާގެ ވެރިކަމަށް އައިސްފައި ވާއިރު ލަންކާ މިހާރު އޮތީ ދުވަހަކު ވެސް އެގައުމު ނުދެކޭ ފަދަ އިގްތިސޯދީ ތަދުމަޑުކަމެއްގެ ތެރޭގައެވެ. ގައުމަށް ބޭނުންވާ އެންމެ އަސާސީ ކެއިންބުއިމުގެ ތަކެއްޗާއި ތެލާއި ގޭސް އެތެރެ ކުރަން ބޭނުންވާ ބޭރުފައިސާ ވެސް ލިބުން ދަތިވެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެއާއިއެކު ރާޖަޕަކްސަގެ އާއިލާ އަށް ކުރިމަތިވަމުން އަންނަ ސިޔާސީ ޕްރެޝަރު ވެސް ވަނީ ބޮޑުވެފައެވެ.

ނަމަވެސް ސަރުކާރުން ވަރަށް ޔަގީންކަމާއިއެކު ބުނަމުން އަންނަނީ ލަންކާ އަށް ދިމާވެފައިވާ އިގުތިސޯދީ މައްސަލަތަކަށް މިއަހަރު ހައްލެއް ގެނެވޭނެއެވެ.