ރަޝިއާ އާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެފައި ވަނިކޮށް އިންސާނީ ހައްގުތަކާ ބެހޭ ގާނޫނަށް އިހްތިރާމްކުރުމަށް އެމްނެސްޓީއިން ގޮވާލައިފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް ޑރ އަގްނެސް ކަލަމާޑް ވިދާޅުވީ، ޔޫކްރެއިންގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ "ކޮންމެހެން ވެސް އިސްކަންދޭން ޖެހޭ" ކަމެއް ކަމަށެވެ.

ޔޫކްރެއިން އާއި ރަޝިއާ ހަމަނުޖެހުމުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށާއި، މި ކާރިސާގައި އިންސާނިއްޔަތަށް އިސްކަންދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމަށް ކަލަމާޑް ވިދާޅުވިއެވެ.

ކަމަލާޑް ވިދާޅުވީ، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

"ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންސާނީ އެހީދޭ އެޖެންސީތަކަށް ފުރުސަތު ދިނުމަށާއި، އެ އެޖެންސީތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް ހުރިހާ ފަރާތްތަކަކަށް ގޮވާލަން،" ކަލަމާޑް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކޮށްދިނުމަށާއި، އާންމުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ހަމައެއް ލަމައެއް ނެތި ދޭ ހަމަލާތަކުން ނުވަތަ މަނާ ހަތިޔާރު ބޭނުން ކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަކަށް އެމްނެސްޓީއިން ވަނީ އިލްތިމާސް ކޮށްފައެވެ.