އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްގެ އިންޑިއާގެ ގޮފި 6.5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އިންޑިއާއިން އެމްނެސްޓީ ޖޫރިމަނާ ކުރީ އެ ޖަމިއްޔާއްގެ ހަރަކާާތްތައް ފަންޑުކުރުމުގައި އިންޑިއާގެ ގަވައިދުތަކާ ހިލާފުވެފައިވާކަމަށް ބުނެއެވެ.

އެގޮތުން ބޭރު ގައުމުތަކުން ގަވައިދާ ހިލާފަށް ފަންޑު ހޯދައިފައިވާ ކަމަށް އިންޑިއާއިން ބުނެއެވެ.

އެމްނެސްޓީ އިންޑިއާގެ ގޮފި ޖޫރިމަނާ ކުރުމުގެ އިތުރުން އެ ގޮފީގެ ސީއީއޯ އާކަރު ޕަޓޭލް ވެސް ވަނީ 1.3 މިލިއަން ޑޮލަރުން ޖޫރިމަަނާކޮށްފައެެވެ.

އެމްނެސްޓީން ބުނީ އިންޑިއާއިން ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެ ޖަމިއްޔާއަށް ފިއްތުންތައް ކުރިމަތިކުރަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާތީ ކަމަށެވެ.

އެގޮތުން އިންޑިއާއިން ކަޝްމީރުގައި އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާ އަމަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން އިވެންޓެން ބާއްވަން އުޅުމުން އިންޑިއާއިން ދައުވާ ކުރަން ވެސް އުޅުނެވެ.

އިންޑިއާއިން ވަނީ 2020 ވަނަ އަހަރު އެމްނެސްޓީގެ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކޮށްފައެވެ. އަދި އެގޭ ސަބަބުން މުވައްޒަފުން މަދުކޮށް އަދި ރިސާޗު މަސައްކަތްތައް ވެސް އެމްނެސްޓީން އިންޑިއާގައި މެދުކަނޑާލިއެވެ.

އިންޑިއާގެ ވެރިކަމާ ނަރެންދުރަ މޯދީ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމުގައި މުސްލިމުންނަށް ކުރާ އަނިޔާތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ.