ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ސަރުކާރުން ހަނިކުރަމުން އަންނާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފައިވަނީ "އިންޑިއާ އައުޓް" ދިދަ ހިފައިގެން އުޅުނު އަންހެނަކު ފަހާ އެމްއެންޑީއެފްގެ ބޭފުޅަކު ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވީޓް ކުރަމުންނެވެ.

އެޓްވީޓްގައި ބުނެފައިވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތައް ހިފެހެއްޓުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރަކުން ރާއްޖޭގައި މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ސުލްހަވެރި މުޒާހަރާ ކުރާ ފަރާތްތަކާއި ނޫސްވެރިންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށެވެ.

އެމްނެސްޓީން ވަނީ ސުލްހަވެރިކަމާއެކު ނޫސްވެރިންނާއި އާންމު ރައްޔިތުން މުޒާހަރާ ކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އެއްވެސް ވަރަކަށް ހަނިކޮށް ހުރަސް އަޅާނަމަ އެކަން ކުރަނީ ގަނޫނާ އެއްގޮތަށްތޯ ޔަގީން ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މީގެއިތުރުން އެމްނެސްޓީން ވަނީ މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުން ކުށްވެރި ކުރާ ކަމަށާއި އިންސާފުވެރިކަމާއެކު އެކަން ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވެރިކަމަށް އައިސްފައިވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެ ކަމަށް ވައުދުވުމަށްފަހުއެވެ. އެހެން ނަމަވެސް ފެނިގެން ދަނީ މުޅިން ވެސް އެކަމާއި އިދިކޮޅަށް ކަންކަން ހިނގާ މަންޒަރެވެ. އެގޮތުން ބަލާއިރު، ސަރުކާރާއި ދެކޮޅަށް ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު ބަހެއް ބުނެފިނަމަ، ވަޒީފާގެ އިންޒާރު ނުވަތަ ވަޒީފާއިން ވަކި ކުރެއެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި އިތުރުވަމުން އަންނާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުން ވެސް މިހާރު ވަނީ ގާނޫނީ ކުށަކަށް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދިދަ ހިފަހައްޓައިގެން ދުވިމީހާ ފާސްޓުކަމުން ހީވީ ކުކުޅެއް ދުވިހެން. މަޖާކަމެއްވާ މިއީ

    7
    1
  2. ހިޔަޅު

    ތިޔައީ ހަމަ ކަނޑުގަ އަޅާލި ރޮނގެއް

    6
    1
  3. ކު ޗީ

    އެއީ ދޮގު ބަޔާން ނެރޭ ތަނެއް

    4
    2