އިރުމަތީ ލަންޑަންގެ ޗަޑްވެލް ހީތު ގައި ބަހެެއްގެ ތެރޭގައި ވަޅިން ހަމަލާދީ 16 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

ފުލުހުން މި ކުއްޖާގެ މަރުގެ ތަހުގީގު ފަށާފައިވާއިރު، 16 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި 18 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ލަންޑަންގެ ފުލުހުން ބުނެފައިވާގޮތުން، އެކުއްޖާ ފެނިފައިވަނީ ބަހުގެ ތެރެއިންނެެ. އަދި ފެނުން އިރު ވަޅިން ހަމަލާދިނުމުގެ ސަބަބުން ހަށިގަނޑުގައި ޒަހަމްތައް ފެންނަން ހުރި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މެޓްރޮޕޮލިޓަން ފުލުހުން ބުނީ، އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެގައި ވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ އަދިވެސް ހުރީ ބަންދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީސްޓް އޭރިއާ ކޮމާންޑް ޔުނިޓްގެ ޗީފް ސުޕްރިންޓެންޑެންޓް ޕޯލް ޓްރެވާރސް ވިދާޅުވީ، "މި ހާދިސާގައި އަނިޔާވެފައިވަނީ އެންމެ 16 އަހަރުގެ ކުއްޖަކަށް. މި ދަނޑިވަޅުގައި އޭނާގެ އާއިލާގެ ދިމާވެފައިވާ ހިތްދަތިކަން އިހުސާސް ކުރެވޭ،" ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 18 އަހަރުގެ ޒުވާނާ މި މައްސަލައިގެ ތަހުގީގް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

16 އަހަރުގެ ކުއްޖާއަށް ހަމަލާދީފައިވަނީ ކީއްވެކަމެއް އަދި ސާފުވެފައެއް ނުވެއެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.